މާތް الله އަށް ވަކީލުކުރުމަކީ، އެއްވެސް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުން ނޫން ކަމަށާއި ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ހަޒުރަތުން ރައްކާތެރިކަން ލިބޭނޭ ކަމަށް ޔަގީންކޮށްގެން ތިބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކީރިތި ރަސޫލާ މައްކާ އިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންވެއްޖެ ކަމެއް ކަމެއް ކަމަށާއި އެ ހިޖުރައިގައި ތަފާތު އެތައް އިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށެވެ. އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ބުންޏެވެ.
އެގޮތުން ކަންކަމުގައި اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މަތިވެރި ހާދިސާ އިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅުކަން ފާހަގަކޮށް ހުތުބާގައި ބުނީ، ހިޖުރައިން ލިބޭ އަގުހުރި އަނެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ.
އެގޮތުން ކީރިތި ރަސޫލާ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމް ދީނުގެ ދިފާއުގައި ގުރުބާން ކުރައްވައިފައި ކަމަށް ބުންޏެވެ.
އަދި ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުމަކީ ހިޖުރައިން ލިބޭ ދެވަނަ ފިލާވަޅު ކަމަށް ހުތުބާގައި ބުންޏެވެ.
އެގޮތުން ބަހައިލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު، ފުރިހަމަ ސިއްރިއްޔާތުގައި ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވި އިރު، މައްކާގެ މުޝްރިކުން ރަސޫލާ އަވަހާރަކޮށްލަން ރާވައިފައިވާ އޮތް އަދި އެކަލޭގެފާނު ހިޖުރައަށް ނުކުމެވަޑައިގަތް ރޭގައި ކީރިތި ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވީ އަލީގެ ފާނެވެ.
އަލީގެފާނު އެކަން ކުރެއްވީ ފުރާނަފުޅު ގުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ ދިފާއުކުރައްވައި، އިސްލާމް ދީން ދިފާއުކުރެއްވުމުގެ މަތިވެރި މަގުސަދުގައި ކަމަށް ހުތުބާގައި ބުންޏެވެ.
މައްކާއިން ނުކުމެ ވަޑައިގެން ސައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރައްވާން ހަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ رَضِيَ اللهُ عَنْهَاއެވެ. އެ ކަމަނާ ކާތަކެތި ހިއްޕަވައިގެން ވަޑައިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެ ބޭކަލުންނަށް ފަރިއްކޮޅުއެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ، ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ހަބަރުތައް ރަސޫލާއާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދު اللهއެވެ. އަދި ތިން ރޭ ވަންދެން އެ ބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސް ވަންދެން އެކަލޭގެފާނު އިންނަވަ އެވެ.
ހުތުބާގައި ބުނީ، ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނޭ ކަމަށެވެ. އަދި ހިޖުރައިގެ މަތިވެރި ހާދިސާއަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާއެއް ކަމަށްވެސް ބުންޏެވެ.
އެގޮތުން ކީރިތި ރަސޫލާ، اللهގެ މަގަށް ގޮވައިލައްވާން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވި ނަމަވެސް، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައި މީހުން ރޭވި އެވެ. އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެންދިޔަ އެވެ.
ގުޅުންހުރި
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް