އޮކްޓޯބަރ 6, 2024

އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަންކުރަން ހުށަހަޅައިފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން އައްޔަންކުރަން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އޭނާ ޑިމޮކްރެޓްސް އަށް ބަދަލުވެވަޑައިގަތް ފަހުން އެ މަގާމް އޮތީ ހުސްކޮށެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިސާން އެ މަގާމަށް އައްޔަންކުރަން ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައިވާ ގޮތަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

”އަލްއުސްތާޒާ ހިސާން ހުސެއިން މި ޕާޓީއަށާއި ޕާޓީގެ މެންބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެން،“ ޝާހިދު ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕުގައި އަންހެނުން މަދުވުމަކީވެސް ހިސާން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން ވިސްނި ސަބަބެއް ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާންއަކީ މަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅި މެންބަރެވެ. ހިސާން ވަނީ މިދިޔަ ފަސް އަހަރު އެ ކޮމިޝަނުގެ މެންބަރުކަމާއި ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އަދި އެމްޑީޕީގެ އެކި މަގާމުތަކުގައި ހިސާން އެ ޕާޓީގައި މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަން ހިމެނެ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމު ދަނީ އަދާކުރައްވަމުންނެވެ.

ހިސާން އެންމެ ފުރަތަމަ ކުރެއްވީ 2007 ގައި އެމްޑީޕީން އުފެއްދި ޝެޑޯ ކެބިނެޓުގެ ޝެޑޯ މިނިސްޓަރު، ލޯ އެންޑް ޖަސްޓިސްގެ މަގާމެވެ. އޭގެ ފަހުން އިދިކޮޅުގައި އޭރު އޮތް ޕާޓީތަކުން އެކުވެ 2016 ގައި އުފެއްދި ޝެޑޯ ކެބިނެޓުގައި ވެސް ހިސާން މަސައްކަތް ކުރެއްވި އެވެ.