ސިނަމާލެ ބުރިޖު މެދުވެރިކޮށް ހުޅުމާލެއާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއުގައި ހިމެނޭ، މާލޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ”ވޯޓާ ސެކިއުރިޓި ޕްލޭން“ގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ އެމްޑަބްލިޔުއެސްސީގެ ”ވޯޓާ ސެކިއުރިޓި ޕްލޭން“ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ، މި މަޝްރޫއު ނިމުމުން ސިނަމާލެ ބްރިޖުމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެ ކަމަށެވެ. އޭގެ ސަބަބުން ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.
އަދި އެކަމުގެ ސަބަބުން މާލޭ ސަރަހައްދުގައި އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުވެގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.
ޖުމުލަ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމައި ހިދުމަތް ދޭން ފަށަން ތާވަލުކޮށްފައިވަނީ މި އަހަރުގެ ނިޔަލަށެވެ.
މަޝްރޫއުގެ ދަށުން މާލޭގެ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ހަދަނީ ރައީސް އޮފީހުގެ ނާސަރީގެ މަސައްކަތް ކުރިން ކުރަމުން އައި މާލޭގެ 64 ނަމްބަރު ކޮށީގަ އެވެ. އެ ޕަމްޕު ސްޓޭޝަންގެ އިތުރުން އެ މަޝްރޫއުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖުމަތީގައި އަޅާފައިވާ 225 ކިލޯ މީޓަރު ދިގު ހޮޅިލައިންއާއި ހުޅުމާލޭގައި ގާއިމުކުރެވޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަނެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ބްރިޖު މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި ޕްރެޝަރު ޓެސްޓުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުންޏެވެ.

ގުޅުންހުރި
ޒާހިރު، ޝަހީމަށް: ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ
ދެ ޓީޗަރަކު ދަރިވަރުން ގައިގައި އަތްލި މައްސަލަތަކެއް، ބިދޭސީ ޓީޗަރަކު ހައްޔަރަށް
ސިނގިރޭޓް ވައްކަން: ފަސްވަނަ މީހާއަށް ކުރަނީ ވައްކަން ކާމިޔާބުކުރަން އެހީވިކަމުގެ ތުހުމަތު
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!
އައްޑޫ ގެއެއްގެ ތެރޭ ދެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޖިނާއީ މައްސަލައެއްގައި ދައުވާނުކުރާ ނަމަ، އެއްއަހަރު ތެރޭ ލިޔެކިޔުންތައް ނައްތާލެވޭ ގޮތް