ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އޯގަސްޓް މަހު ސްރީ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ރައީސް އޮފީހާގެ މަސްދަރުތަކާ ހަވާލާދީ ސްރީ ލަންކާ ގާޑިއަން ނޫހުން ބުނީ ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކުރައްވާ އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.
ހާއްސަކޮށް ސެކިއުރިޓީ، ވިޔަފާރި، ތައުލީމު އަދި ސިއްހީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ރައީސް މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ތާވަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ލަންކާ އާއެކު އެއްބަސްވުމެއް ގާއިމުކުރައްވަން ރައީސް މުއިއްޒު ނިންމަވައި، އެކަމަށް ރުހުން ހޯއްދެއްވުމަށް ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.
އަދި އެ އެއްބަސްވުން ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަތް މަސް ވެފައިވާއިރު، އެ މަނިކުފާނު މިހާތަނަށް ވަނީ ރަސްމީ ފަސް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެގޮތުން ތުރުކީ، ޗައިނާ، ޔޫއޭއީ، އެންޓީގާ އެންޑް ބާބިޔުޑާ އަދި އިންޑިއާއަށް ވަޑައިގެންފައިވެ އެވެ.
އޭގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މި ފަހަރު ސައުދީ އަރަބިއާއަށްވެސް ވަޑައިގެންފައިވެ އެވެ.
ރައީސް މުއިއްޒު، އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް އެ ގައުމަށެވެ.

ގުޅުންހުރި
ތިން ބޯޓަކުން 4،720 ބަސްތާ ފިޔާ ބާލައިފި: އެމްޕީއެލް
3.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި
މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ
މައުރޫފް އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި
ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު
ރަޝިއާ ކައިރިއަށް 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް؛ ސުނާމީގެ އިންޒާރު ނެރެފި