ސެޕްޓެމްބަރ 21, 2024

ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ދުވާ ވަސް ކޮންޓްރޯލް ކުރަން ސިސްޓަމެއް ބަހައްޓައިފި

މާލޭގައި އެމްޑަބްލިއުއެސްސީ އިން ބަހައްޓާފައި ހުރި ޕަމްޕް ސްޓޭޝަންތަކުން ދުވާ ވަސް ކޮންޓްރޯލް ކުރުމަށް ހާއްސަ ސިސްޓަމެއް ބަހައްޓައި، ބޭނުން ކުރަން ފަށައިފި އެވެ.

މާލޭގައި ބަހައްޓާފައި ހުރި ޕަމްޕް ސްޓޭޝަންތަކުން ނުބައި ވަސް ދުވުމުގެ ޝަކުވާތައް އާންމުން ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހައްޓާފައިވަނީ މާފަންނު ބުރުޒުމަގުގައި ހުންނަ ހަތަރު ނަމްބަރު ޕަމްޕު ސްޓޭޝަންގަ އެވެ. އެ ސިސްޓަމް މިއަދު ވަނީ ނޫސްވެރިންނަށްވެސް ދައްކާލައިފަ އެވެ.

އެތަނުގައި ހުންނަވައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ އެ ކުންފުނީގެ ނަރުދަމާ ނިޒާމުގެ ޕަމްޕު ސްޓޭޝަންތައް ދުވާ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް ވާ އުދަނގޫ ނިމުމަކަށް ގެނައުމަށް ބެހެއްޓި ސިސްޓަމަކީ އެކި ކަހަލަ ދިރާސާ ކުރުމަށްފަހު ބެހެއްޓި އާ ސިސްޓަމެއް ކަމަށެވެ.

އެ ސިސްޓަމުގެ ސަބަބުން ޕަމްޕު ސްޓޭޝަނުން ޖައްވު ތެރެއަށްދާ ވައިގައި ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 ޕަސެންޓަށް ދަށް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މާލޭގެ ހުރިހާ ޕަމްޕް ސްޓޭޝަންތަކެއްގައި ވަސް ކޮންޓްރޯލް ކުރާ ސިސްޓަމުތައް ބަހައްޓާނެ ކަމަށާއި އެ ސިސްޓަމް ދެން ބަހައްޓަން ހަމަޖެހިފައިވާ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އަދި ސިސްޓަމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ޖާގަ އޮތްވަރަކުން ސޯލާ ޕެނަލް ހަރުކޮށް އެ ސިސްޓަމްތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރާނެ ކަމަށްވެސް މަތީން ވިދާޅުވި އެވެ.