މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވީ ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ އާއި ރަސްމާދޫ އަންހެން މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ރައީސްގެ ގޮނޑީގެ ބައި އިލެކްޝަނެވެ.
އެ ދާއިރާތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކާއި ކުޅުދުއްފުށި ސިޓީގެ ގޮނޑިއަށް ވާދަކުރީ ޕީއެންސީގެ އިތުރުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިންނެވެ.
އެ ހަ ދާއިރާގެ ތެރެއިން ރަސްމާދޫ ފިޔަވައި އަނެއް ފަސް ދާއިރާ ޕީއެންސީން ކާމިޔާބު ކުރި އިރު، އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ. ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
އެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، އަބްދުއްރަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއަކީ ރައީސް މުއިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުން އަންނަ ކަމުގެ ސާފު ހެކި ކަމަށެވެ.
ޕީއެންސީން ކާމިޔާބުކުރި ދާއިރާތަކާއި އެ ދާއިރާތަކަށް އިންތިހާބުވި ބޭފުޅުން:
- ހެންވޭރު ހުޅަނގު ދާއިރާ: ފާތިމަތު ޝައުފާ ސަލީމް
- މައްޗަންގޮޅި މެދު ދާއިރާ: ފާތިމަތު އިޝާން އަލީ
- ހުޅުމާލެ ދާއިރާ: އަލީ އައިމަން
- ކުޅުދުއްފުށި އުތުރު ދާއިރާ: އިބްރާހިމް އަހުމަދު
- ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑި: އަރީހު އިސްމާއިލް
ޕީއެންސީން ބައި އިލެކްޝަނުން ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް މި އިންތިހާބުގައި ވޯޓުލާން ނުކުތީ ވަރަށް މަދު ބައެކެވެ. އީސީ އިން ބުނާ ގޮތުން ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.




ގުޅުންހުރި
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ