މުވައްޒަފުން އާއިލާއަށް ދޭ ވަގުތު މަދުވާތީ، އެ ވަގުތު އިތުރުކުރަން ބާރު އަޅަން ސްކޫލްތަކަށް އަންގައިފި

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ---

ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެ މީހުންގެ އާއިލާ އާއެކު ވަގުތު ހޭދަކުރާ މިންވަރު އިތުރުކުރުމަށް ސްކޫލްތަކުން ބާރު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އެންގީ ސްކޫލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގަ އެވެ. އެ ސާކިއުލާގައި ބުނީ ދައުލަތުގެ ފައިސާ އިސްރާފުނުވާނެ ގޮތަކަށް ކަންކަތައް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާފުޅު ދެއްވާފައިވާތީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލްތަކުގެ މުވައްޒަފުން އާއިލާއާއެކު ހޭދަކުރާ ވަގުތު ވީހާވެސް ގިނަކުރުމަށް ބާރު އެޅުމާއި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ރަސްމީ ވަގުތުގައި (ދައުލަތުގެ ޕޭ- ފްރޭމްވޯކް ގައި ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑީގެ ވަގުތުގެ) ތެރޭގައި އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި އެކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުން ސްކޫލްތަކަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން މާލޭގައި ހިންގަމުންދާ މިނިސްޓްރީއާއި މިނިސްޓްރީގެ ޑިޕާޓްމެންޓުތައް އެންމެ ލަސްވެގެން ރަސްމީ ދުވަސްތަކުގެ 14:30 ގައި ބަންދުކުރުމަށްވެސް އަންގާފައިވެ އެވެ.

ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ހިދުމަތެއް ދިނުމަށް 14:30 ފަހުން އޮފީސް ހުޅުވާފައި ބަހައްޓަންޖެހޭ ނަމަ، އެއް ދުވަސް ކުރިން މަސައްކަތުގެ ތަފުސީލާއި އޮފީހުގައި މަޑުކުރާނެ މުވައްޒަފުންނާއި އޮފީސް ހުޅުވާފައި ބަހައްޓާނެ ވަގުތު ޕާމަނެންޓް ސެކްރެޓަރީ މެދުވެރިކޮށް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސާކިއުލާގައި އިތުރަށް ވަނީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ އިދާރީ އޮފީސް 14:30 ގައި ބަންދުކުރުމަށާއި ސްކޫލްތަކުތަކުގެ އެކަޑަމިކް އޮފީސް ސްކޫލުގައި ކިޔަވައިދޭ ދުވަހެއްގެ ފަހު ދަންފަޅި ނިމޭތާ 1 ގަޑިއިރު ފަހުން ބަންދުކުރަންވެސް އަންގައިފަ އެވެ.

ސާކިއުލާގައި ކުރަން އަންގާފައިވާ އެހެން ކަންތައްތައް:

  • ސްކޫލްތަކުން އެކި މުނާސަބަތުތަކުގައި އަދި ހަފުލާތަކުގައި އަގުބޮޑު މާބޮނޑިތައް ބޭނުން ނުކުރުން
  • ހަފުލާތަކާއި މުނާސަބަތުތަކުގައި ކެއުމާއި ސައި ނުބޭއްވުން
  • ދެ ގަޑިއިރަށްވުރެ ކުރު ބައްދަލުވުންތަކުގައި ނުވަތަ ޖަލްސާތަކުގައި ސައި، ކޮފީ އަދި ފިނި ބުއިން އިންތިޒާމު ނުކުރުން
  • ސްކޫލްތަކާއި ކްލާސްރޫމްތަކުގެ އޭސީ 25 ޑިގްރީއަށްވުރެ ދަށް ނުކުރުން
  • ރަސްމީ ގަޑި ނިމުމުން އޭސީތައް ނިއްވާލުމަށާއި ކްލާސްރޫމްތައް ބޭނުންނުކުރާ ވަގުތުތަކުގައި ބޮކިތައް ނިއްވާލުން
  • މަތީ ކަރަންޓު ނަގާ ބޮކިތައް ކޮންމެހެން ދިއްލަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއްލުން
  • ޗާޕުކުރަންޖެހޭ ލިޔުންތައް ވީހާވެސް މަދުކޮށް، ގަނޑުގެ ދެ ފުށަށް ޗާޕުކުރުން
  • އަހަރީ އިނާމު ދިނުމުގެ ޖަލްސާ ވީހާވެސް ހަރަދުކުޑަކޮށް ބޭއްވުން
  • އެފަދަ ޖަލްސާތައް ބޭއްވުމަށް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ބޭއްވުް
  • ސްކޫލްތަކުން ދަތުރު ކުރުމުގައި ހަރަދު ކުޑަކުރުން
  • ދައުލަތުގެ ބަޖެޓުން ކުރާ ދަތުރުތަކަށް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ނެގުން