ސެޕްޓެމްބަރ 21, 2024

ތިނަދޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިންމާލައިފި

ގދ. ތިނަދޫގެ މަގުތަކުގައި 6.5 ކިލޯމީޓަރަށް ތާރު އަޅައި، އެ ރަށުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ނިންމާލައިފި އެވެ.

އާރްޑީސީން، ތިނަދޫ މަގު ހެދުމުގެ ދެވަނަ މަޝްރޫއު ފަށައިފައިވަނީ 2021 ގެ މޭމަހުގެ ތެރޭގަ އެވެ. އެ ރަށުގެ ގިނަ މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އާރްޑީސީން ވަނީ ނިންމާލައިފަ އެވެ.

އާރުޑީސީއިން މިއަދު ބުނީ ތިނަދޫ މަގު ހެދުމުގެ ދެވަނަ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިފައިވާ ކަމަށެވެ. އަދި ވަނީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް، ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްފައި ކަމަށް އާރްޑީސީން ބުންޏެވެ. މީގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖަހައިފައިވާ ކަމަށް ވެސް އާރްޑީސީން ބުންޏެވެ.

ތިނަދޫގެ ދެ ވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް ނިމުމަކާއެކު އެ ރަށުގެ މަގުތަކަށް ޒަމާނީ ބަދަލުތަކެއް އައިސްފައިވާ ކަމަށް އާރްޑީސީން ބުންޏެވެ. އެގޮތުން ކުރިން އަޑިގުޑަންކޮށް އޮތް މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ސްޕީޑް ބްރޭކަރުތަކާއި މަގުމަތީ ޓްރެފިކް ނިޝާންތައް މިހާރު ޖަހައިފައިވާނެ ކަމަށް އާރްޑީސީން ބުންޏެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ 14 މަގެއް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށެވެ.