ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ކުރީގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުނެވެ. ނަމަވެސް އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އަދި އެ ކޮމިޝަނުން ކުރި ތަހުގީގަށްފަހު ބުނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
އެހެންވެ މި ސަރުކާރުން ނިންމީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ކުރާށެވެ.
ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރަން މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ފްލެޓް ލިސްޓު މުރާޖައާ ކުރަމުންދާ އިރު، އެ ދޫކުރަނީ އެންމެ ހައްގުވެރި މީހާއަށްތޯ ޔަގީން ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ފްލެޓްތައް ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން.“ ހައިދަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 18 ބުރީގެ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

6 Comments
ގުޅުންހުރި
އަމާން އުދަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުން މި ހަފްތާގައި ފަށަނީ
ގެދޮރުވެރިޔާ ފްލެޓްތަކަށް މި ހަފުތާގައި މީހުން ވައްދަން ފަށަނީ
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން