ސެޕްޓެމްބަރ 21, 2024

ނޫމަޑިއަށް ދޭން ޖެހުނު 900 މިލިއަންގެ ބަދަލަކީ މުއިއްޒު ދިން ލަގާއެއް: ފައްޔާޒު

ނޫމަޑި އާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލު ކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނޫމަޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ މިހާރުގެ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.

އެއްބަސްވުންތައް ޔާމީންގެ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދުމަށެވެ.

އެ މައްސަލައިގެ އާބިޓްރޭޝަންގައި ރައީސް މުއިއްޒު ބަޔާން ދިނީ ނޫމަޑިއާ އެއްކޮޅަށް، ދިވެހި ދައުލަތާ ދެކޮޅަށެވެ. އަދި ރައީސް މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދޮގު ބަޔާން ދިނުމުގެ ދައުވާވެސް ކުރި އެވެ.

ރައީސް މުއިއްޒުގެ މައްޗަށް އެ ދައުވާތައް ދައުލަތުން ކުރީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އެ މަނިކުފާނު އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒު އެ ދައުވާއަށް އިންކާރު ކުރެއްވި އިރު، އެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތެއް ނުވި އެވެ.

އެހެންވެ ކޯޓުގައި އެ މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމި އެވެ.

ސަރުކާރުން އޭރު ބުނީ، ބަދަލު ދޭން ނިންމީ އެ މައްސަލަ އޭބިޓްރޭޝަނުން ނިންމައި، ބޮޑު އަދަދެއް ދޭން ޖެހިއްޖެ ނަމަ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި އެ ފައިސާ މިހާރު ވަނީ އެ ކުންފުންޏަށް ދައްކައިފަ އެވެ.

ކޯޓުން ބޭރުގައިވެސް އެހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި ރައީސް މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ސަރުކާރުން އޭރު ތުހުމަތު ކުރި އެވެ.

”ހަވަރު ބެރު“ގެ ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެ ބޭފުޅުންގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދޫކުރި ނަމަ، އޭގެ ތެރެއިން މަދުވެގެން 1.5 ބިލިއަން ރުފިޔާ އަކީ 2012 އިން 2018 ގެ ނިޔަލަށް ވެރިކަން ކުރި ފަރާތްތަކުން ގަވާއިދާ ހިލާފަށް އެއްބަސްވުންތައް ބާތިލުކުރުމުން ދޭން ޖެހުނު ފައިސާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނީ ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުން ކަމަށާއި އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބު ނުވި މައިގަނޑު ސަބަބަކީވެސް އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް މުއިއްޒު ހެކިބަސް ދެއްވުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

”އެއީ މިހާރު އެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދިން ބޮޑު ލަގާއެއް… އަޅުގަނޑަށް ޔަގީން 900 މިިލިއަން ރުފިޔާގެ ތެރެއިން ކޮންމެ ވެސް ބައެއް ގޮސްފައިކަން އޮންނާނީ. އަޅުގަނޑަށް ހަމަ ޔަގީން.“ ރައީސް މުއިއްޒަށް ތުހުމަތު ކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނޫމަޑީގެ އިތުރުން، ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ސޮއިކުރި ނެކްސްބިޒް އެއްބަސްވުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބާތިލުކުރުމުން 18 މިލިއަން ޑޮލަރާއި ފުށިދިއްގަރުފަޅުގެ އެއްބަސްވުން ބާތިލުކުރުމުން 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހުނު ކަމަށެވެ.

6 Comments

  • Ahmed Hassan Manik ޖުލައި 31, 2024

    Koba red carpet mathy killi thalhaa meehun 🤣🤣🤣🤣

  • Hassan Mohamed ޖުލައި 31, 2024

    އެމް ޑީ ޕީ ފުޑާލި މީހާ ކޮން އަގައެއް ތަޅަނީ 😝😝😜😎😎😍😍

  • Moosa Naeem އޯގަސްޓް 1, 2024

    Asluves ey hama muiz kuri kameiy

  • Mohamed Ali އޯގަސްޓް 1, 2024

    Kaleymen sarukaarah Ehcheh dheyn jehuneema meehaku dhin lagaayeh Janaa dheyn jehuneema kaleymen karah baarulaafa Evaahaka dhakkanee thibegen

  • Ahmed Waheed އޯގަސްޓް 1, 2024

    Beykaaru vaahaka thidhahkanee, dhen fass aharuge verikan ninmaalee thianga fulhaakuran neyngi.

  • Abdul Razzaq Mohamed Sadiq އޯގަސްޓް 1, 2024

    Verikan nulibuneema theenee kani araafa anehkaa hamsin nahtaa nulaathi, dhen nuheevey edhuvas iaadha vaanehen

Leave a Reply