ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލުތައް މަޖިލީހުން ހޯދަނީ

ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނެވެ.

މަމްދޫހު ވިދާޅުވީ 2018 އިން 2023 އަށް ދެ ބިލިއަނަށް ވުރެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުން އެކި ފަރާތްތަކަށް ބަހާލައިފައިވާ ކަމަށެވެ.

”ބަދަލުގެ ގޮތުގައި ރަނގަޅު ބަދަލުތައް ދެވިފައި ހުންނާނެ. އެހެން ނަމަވެސް މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ބަދަލުގެ ގޮތުގައި ދެވިފައި އޮތްއިރު އެބަ ޖެހޭ ބަލައިލަން ބަދަލުގެ ގޮތުގައި ދީފައި ވަނީ ކޮންގޮތަކަށްތޯ,“ މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހުގެ ވާހަކަތަކާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މަމްދޫހު އެފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ ވަކި ބަޔަކަށް އަމާޒުކޮށްގެން މައްސަލަތައް ބެލުމުގެ ނިޔަތުގައި ކަމަށެވެ.

”ޖީއެމްއާރު ބޭރުކުރި މައްސަލައާއި, އެހެން މައްސަލަތަކާއި މި ހުރިހާ ކަމެއް ހިނގާފައި ވަނީ ރަނގަޅަށްތޯ ބަލަމާ. އަދި އެމްޑީޕީގެ ކުރީގެ ސަރުކާރާ ޔާމީން ސަރުކާރާ, ބަދަލު ދިނުން ހިނގާފައި އޮތީ ރަނގަޅަށްތޯ ބަލަން ހިނގާ. އެވަރު ގަޓު ހުންނަން ޖެހޭނެ. ވަކި ތާރީހެއް ޖަހައި ވަކި އެއްޗެއްގެ ވަކި މީހެއްގެ ގައިގައި ހިފަން އުޅެގެން ނުވާނެ,“ އޭނާ ވިދާޅުވި އެވެ.