ރާއްޖެ އައި ނޯވޭ ޓޫރިސްޓަކު، ވިސާ ހަމަވުމުން ދާން ފެށީ މަހަށް، އަތުލައިގަނެ ޑީޕޯޓްކޮށްލައިފި

ޓޫރިސްޓު ވިސާގައި ރާއްޖެއަށް އެތެރެވި ނޯވޭގެ ޓޫރިސްޓަކު، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަން ކުރަން އުޅެނިކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް، ޑީޕޯޓް ކޮށްލައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ރާއްޖެ އެތެރެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި ކަމަށާއި ނަމަވެސް ވިސާގެ މުއްދަތު ހަމަވުމުންވެސް އަނބުރާ ގައުމަށް ގޮސްފައި ނުވާ ކަމަށެވެ.

އަދި ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދިޔަ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އޭނާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމަ ނުކުރެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި ވިޔަފާރި ހިންގާ ބިދޭސީން ހޯދަން އިމިގްރޭޝަނުންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، އެ އޮޕަރޭޝަންގައި އަތުލައިގަނެވޭ އެންމެން ޑީޕޯޓް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.