ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އިޒްރޭލު ކުށްވެރި ނުކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުރުހުން ފާޅުކުރައްވައިފި އެވެ.
ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް ސަރުކާރުން ނެރުނު ދެ ޖުމުލައިގެ ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތުގެ ގާނޫނު ނަގަހައްޓައި، ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ވަގުތުން މަސައްކަތް ކުރުމަށް ދުނިޔެއަށް ގޮވާލައިފަ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި އެ ބަޔާނަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ، ރާއްޖެއަކީ ޒަމާނުއްސުރެ ފަލަސްތީނާ އެކުވެރިކޮށް އޮތް ގައުމެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ފަލަސްތީނު ސިފަކުރަމުން އައީ އެގޮތަށް ކަމަށެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު ހަނިއްޔާ އަވަހާރަކޮށްލުމުން ޖަނާޒާ ބޭއްވި އިރުވެސް، ސަރުކާރުން އެކަން ކުށްވެރިނުކޮށް، އިއްޔެ ނެރުނު ބަޔާނުގައި ހަނިއްޔާ އަވަހާރަކޮށްލީ ކޮން ބައެއްކަންވެސް ބުނެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
”އިޒްރޭލު ކުށްވެރިކޮށްލާކަށް ވެސް ނުކެރުނު. ދެން ކޮބާ ޚާރިޖީ ސިޔާސަތު މިނިވަން ވެފައި؟ ކޯއްޗެއް މިނިވަން ވެގެން އުޅޭ ވާހަކަ ޖުލައި 26ގެ މިނިވަން ދުވަހުގެ ޚިތާބުގައި ރައީސް [ޑރ. މުޙައްމަދު] މުއިއްޒު ވިދާޅުވީ؟“ ޔާމީން ސުވާލު ކުރެއްވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތެއް ކަމަށާއި އޭގެ ހެއްކަކީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ސަރުކާރު ހިންގާ ޕީއެންސީގެ އަގުލަބިއްޔަތު އޮތް މަޖިލީހުގައި އެ މައްސަލަ ނުހިނގާ އޮތުން ކަމަށެވެ.
”މަޖިލީހުގައި އެ ތިބީ ރައްޔިތުންގެ ވިންދު ހިނގާ ބައެއް. މަޖިލީހުގައި މިހާރު އެބަޖެހޭ މިކަހަލަ ކަންކަމުގައި ބުނަން ސަރުކާރުގެ ސިޔާސަތާއި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި މަޖިލީހުގެ ވިސްނުން ތަފާތުވާންވާނެ. އެއީ ރައްޔިތުންގެ މަޖިލީހެއް. ރައީސް މުއިއްޒުގެ މަޖިލީހެއް ނޫން،“ ޔާމީން ވިދާޅުވި އެވެ.
އިޒްރޭލު
އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމައި، އެކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް މިދިޔަ ޖޫން މަހު 10 ގައި ފޮނުވި ނަމަވެސް އޭގެ ފަހުން އެ މައްސަލައަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އެ މައްސަލަ މަޖިލީހުގައި ޕާކުކޮށްފައި އޮތުމުން މިދިޔަ ޖޫން މަހުވެސް އިޒްރޭލުން 80 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.




1 Comment
ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!