ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް މިއަދު ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކޮށްފި އެވެ.
ހަނިއްޔާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދުކޮށް ދިނުމަށް އަދާލަތު ޕާޓީ އާއި ބައެއް އިލްމުވެރިން ސަރުކާރަށް ގޮވާލި ނަމަވެސް އެކަން ކުރާކަށް އިސްލާމިކް މިނިސްޓްރީން އާންމުކޮށް އިއުލާނެއް ނުކުރެ އެވެ.
އެހެންވިޔަސް ހަނިއްޔާގެ މައްޗަށް ބައެއް މިސްކިތްތަކުގައި ކަށު ނަމާދުކުރި އެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން އަންގައިގެން އެ ސިޓީގެ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކޮށްފައިވެ އެވެ. އޭގެ އިތުރުން މާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގައިވެސް ޣައިބަށް ކަށުނަމާދު ކުރި އެވެ.
ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ”ހަފްތާ“ އަށް ވިދާޅުވީ، ހަނިއްޔާގެ މައްޗަށް ކަށުނަމާދު ކުރަން ސީދާ އޭނާ އެންގެވި ކަމަށެވެ.
އީރާންގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ބުދަ ދުވަހު ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެޔަށް ހަމަލާ ދީގެންނެވެ. ހަނިއްޔާގެ ޖަނާޒާ އިއްޔެ އިރާނުގައި ބާއްވާފައިވާއިރު، އޭނާގެ ހަށިކޮޅު މިއަދު ފަސްދާނުލުމަށް މިހާރު ވަނީ ގަތަރަށް ގެންގޮސްފަ އެވެ.
ހަނިއްޔާގެ މައްޗަށް އިސްލާމީ ބޮޑެތި ގައުމުތަކުގައިވެސް ޣައިބަށް ކަށުނަމާދު ކުރި އެވެ. އޭގެ ތެރޭގައި ތުރުކީ، ލުބުނާން، ޕާކިސްތާން، މެލޭޝިއާ އަދި އިންޑޮނޭޝިއާ ހިމެނެ އެވެ.
ހަނިއްޔާގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރަން ސަރުކާރުން ނޭންގި އިރު، ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރި ނުކޮށްގެން ގިނަ ބަޔަކު ނުރުހުންވި އެވެ.
ނަމަވެސް ފަހުން ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް ސަރުކާރުން ނެރުނު ދެ ޖުމުލައިގެ ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތުގެ ގާނޫނު ނަގަހައްޓައި، ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ވަގުތުން މަސައްކަތް ކުރުމަށް ދުނިޔެއަށް ގޮވާލައިފަ އެވެ.
އެކަމަކު އެ ބަޔާނުގައި އިޒްރޭލު ކުށްވެރިކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެންވެސް ސަރުކާރަށް ވަނީ ނުރުހުން އަމާޒުވެފަ އެވެ.

ގުޅުންހުރި
އެއް މަސް ނުފުރޭ ކުޑަކުއްޖަކު ދިރިހުއްޓާ ވަޅުލާފައި އޮއްވައި ސަލާމަތްކޮށްފި
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު
މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އާ އެމްޑީއެއް
”އެޓާނަލް ލަވް“ގެ އެކްޓަރު އިމާރާތަކުން ވެއްޓި މަރުވެއްޖެ
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް
130 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލި ޝަހީބު ކޯޓަށް ހާޒިރުނުވާތީ