އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު މަރުވި ކަމަށް އެ ހޮސްޕިޓަލުން އިއުތިރާފުވި މައްސަލައެއްގައި ކުއްޖާގެ މައިންބަފައިންނާއެކު ސެޓްލްމެންޓް އެގްރީމެންޓެއް ހަދައި، ދައުލަތުން ގެއްލުމުގެ މާލީ ބަދަލު ދީފި އެވެ.
މިއީ އައިޖީއެމްއެޗްގެ އިހުމާލުން ދަރިފުޅު މަރުވި ކަމަށް ބުނެ ކުއްޖާގެ މަންމަ އެ ހޮސްޕިޓަލް އަތުން މާލީ ބަދަލު ހޯދުމަށް 13 އޮގަސްޓް 2023 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު އައިޖީއެމްއެޗްގެ އިހުމާލުގެ އަމަލުތަކުގެ ސަބަބުން މަރުވިކަން އެ ހޮސްޕިޓަލުގެ އެކަމަށް އިއުތިރާފުވެ ފޮނުވި ސިޓީން ސާބިތުވާ ކަމަށެވެ. އެހެންވެ އައިޖީއެމްއެޗް އިން އެ ހޮސްޕިޓަލުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުން ލިބުނު މާލީ ގެއްލުން ހޯދައިދިނުމަށް އެދިފައިވެ އެވެ.
އެ މައްސަލައިގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ މައްސަލައިގައި ހިމެނޭ ދެ ފަރާތް، އައިޖީއެމްއެޗް އާއި ކުއްޖާގެ މަންމަ، ޝަރީއަތުގެ ބޭރުން މާލީ ބަދަލު ދިނުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންވެ މުޅި ދައުވާ އަނބުރާ ގެންދަން އެދި މަންމަގެ ފަރާތުން މިދިޔަ މަހުގެ 28 ގައި ކޯޓުގައި އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ މެދުގައި ޝަރީއަތުން ބޭރުގައި އެއްބަސްވުމަކަށް އާދެވިފައިފާތީ މުޅި ދައުވާ އަނބުރާ ގެންދިއުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު ހުރަސްނާޅާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ފާހަގަ ކުރެއްވުމަށްފަހު މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ މައްސަލައިގެ ހިމެނޭ ދެ ފަރާތުން ޝަރީއަތުގެ ބޭރުން އެއްބަސްވުމަކަށް އާދެވިފައިވާތީ މުޅި ދައުވާ އަނބުރާ ގެންދިއުމަށް މަންމަގެ ފަރާތުން ފޯމު ހުށަހަޅާފައިވާތީ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރާ ކަމަށެވެ.
މި މައްސަލައިގައި ހުކުމް ކުރެއްވީ މިދިޔަ ޖުލައި މަހުގެ 30 ގަ އެވެ. ނަމަވެސް ދައުލަތުން މާލީ ބަދަލުގެ ގޮތުގައި ދިނީ ކިހާ ވަރެއް ކަމެއް ނޭނގެ އެވެ.




8 Comments
ގުޅުންހުރި
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ