ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުހައްމަދު އަލް ކުވައިތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ ވެރިޔާއަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އަދި ވޭތުވެދިޔަ އަހަރުތަކުގައި ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުސަތުތައް ފާހަގަކުރައްވައި އެއީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައިވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުވުމުގައި ޑާޓާ ޕްރޮޓެކްޝަނާއި ސައިބާ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.
އަދި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީ އިން މިހާރު ކުރިއަށްގެންދާ މަޝްރޫއު ފާހަގަކުރައްވައި، އެ ގައުމުގެ ރައީސް، ޝައިހް މުހައްމަދު ބިން ޒާއިދު އަލް ނަހްޔާންގެ ދުރުވިސްނުންފުޅާ ލިޑާޝިޕާ އަދި ދެ ގައުމުގެ ދެމެދު އިސްތިރާޖީ ގޮތުން ގުޅުންބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ރައީސް ތައުރީފު ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އާއި ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމަށްވެސް ފައިދާ ހުރި މުހިންމު ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުން ކަމަށެވެ.




1 Comment
ގުޅުންހުރި
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ފާސްކޮށްފި