ދެކުނު މުމްބާއީގައި ބޭއްވި ހަފުލާއެއްގެ ތެރެއިން ހިންދޫން, އެ މީހުންގެ ކަލާނގެއެއް ކަމަށް ބަލާ ’ގަނޭޝް’ގެ ބޮޑު ބުދެއް ވެއްޓި ދެ މީހަކު މަރުވެއްޖެ އެވެ.
މުމްބާއީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ހަފުލާގައި ބުދު ވެއްޓުނީ އޭގެ ވެލްޑިން ސަޕޯޓް ނެއްޓިގެން ކަމަށެވެ.
އަދި އެ ހާދިސާގައި ދެ ކުޑަކުދިން ހިމެނޭހެން ފަސް މީހަކު ޒަހަމްވި ކަމަށާއި ދެ މީހަކު މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. މަރުވި ދެ މީހުންނަކީ ވެސް ޒުވާނުންނެވެ. އަނިޔާވި ދެ ކުޑަކުދިންގެ ތެރޭގައި ހިމެނެނީ ފަސް އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ބުދު ވެއްޓި ތަޅައިގެން ގޮސް ކުދިކުދިވުމާއި ގުޅިގެން، ފަހުން ފުލުހުންނާއި މުމްބާއީ ސިޓީގެ އޮފިޝަލުން ވަނީ ދެކުނު މުމްބާއީގެ ގިރްގާއޮން ޗޯޕައްޓީ ކައިރިން އެ އެއްޗެހި ކަނޑު ފައްތައިފަ އެވެ.


