ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފްރީ އަދި ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފް ހޯއްދަވާފައިވާ މައްލާ ޅަތުއްތު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 76 އަހަރުގައި މައްލާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގަ އެވެ. ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މައްލާ އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ގައުމީ ހިތްވަރުދިނުމުގެ އިނާމާއި އެފްއޭއެމްގެ ”ޕްރެޒިޑެންޝަލް އެވޯޑް“ އަދި ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑް ހާސިލުކުރައްވާފައިވާ މައްލާއަކީ ސްކޫލް ދައުރުއްސުރެ ފުޓުބޯޅަ ކުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން މާލޭ ޓެނިސް ކްލަބަށާއި އަދި ފަހުން މޫންސްޓާސް ކްލަބަށް، ފުލްބެކުގެ މަގާމުގައި ގައުމީ ފުޓުބޯޅަ މުބާރާތްތަކުގައި ވާދަކުރެއްވި ބޭފުޅެކެވެ.
އަދި ފުޓުބޯޅަ ކުޅުއްވަމުން ރެފްރީއެއްގެ ގޮތުގައި 1969 ވަނަ އަހަރުން ފެށިގެން މައްލާ ދަނޑަށް ނުކުންނަވަން ފެއްޓެވި އިރު، މައްލާ ވަނީ 1968 އިން ފެށިގެން 1995 އަށް، މެދުނުކެނޑި 27 އަހަރު ރާއްޖޭގެ ހުރިހާ ޑިވިޝަނެއްގެ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރައްވައިފަ އެވެ.
ފީފާގެ ބެޖު ޖަހައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަންކުރުމުގެ ޝަރަފު މައްލާއަށް ލިބިވަޑައިގެންނެވީ 1990 ގައެވެ.
މައްލައަށް ވަނީ ގައުމީ ޝަރަފުވެރިކަމުގެ އިނާމާއި ދައުލަތަށް ދިގު މުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމުވެސް ލިބިވަޑައިގެންފަ އެވެ. އެއާއެކު އޭނާ ވެފައިވަނީ ގައުމީ ފެންވަރުގައި ދޭ ހުރިހާ އެވޯޑެއް ލިބިވަޑައިގެން ފުރަތަމަ ޝަހުސިއްޔަތެވެ.

1 Comment
ގުޅުންހުރި
ރައްޔިތުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާނަން: ފައްޔާޒު
1037 ބައިވެރިންނާއެކު ގައުމީ ގުރުއާން ކިޔެވުމުގެ މުބާރަތް މިރޭ ފަށަނީ
40 ބިދޭސީއަކު ފާސްކޮށް ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު އަތުލައިގަނެފި
މުޒާހަރާއަށް ނިކުތް ނޫސްވެރިންނަށް ނުހައްގުން އަނިޔާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި
އަކްރަމާއި އާރިފުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ކޯޓަށް ހުށަހަޅައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި މީޑިއާ ބިލް ތަސްދީގުކޮށްފި