އޮކްޓޯބަރ 6, 2024

ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ

ލޭނު މަސްވެރިކަމުގެ ތެރެއިން ހިފޭ މިޔަރު ޕްރޮސެސްކޮށް ވިޔަފާރީ ބޭނުމަށް ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ގޮތަށް ލޭނު މަސްވެރިކަމާބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ލިބޭނެ މަސްވެރިކަމުގެ ކޯޓާ މަދުވެދާނެތީ މި ސަރުކާރުން ވަނީ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ނިންމައިފަ އެވެ. ކެބިނެޓުން އެގޮތަށް ނިންމުމުން ފިޝަރީޒް މިނިސްޓްރީން ވަނީ ލޭނު މަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް އެކުލަވާލައި އެ ގަވާއިދަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

އެ ގަވާއިދުގައި ހިމަނާފައިވަނީ ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި އެ މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ލިބޭނީ އެފަދަ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ތަންތަނަށް އެކަނި ކަމަށެވެ.

އަދި ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު ޕްރޮސެސް ކުރުމަށް ހާއްސަ ލައިސެންސެއް ދޫކުރުމަށް ނިންމާފައިވާއިރު، އެ ލައިސެންސް ލިބިފައިވާ ފަރާތަކަށް މިޔަރު ކިރައި ޕްރޮސެސް ކުރުމަށް ގަވާއިދުގެ ދަށުން ހުއްދަ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމަށް ލައިސަސްދީފައިވާ އުޅަނދު ފަހަރުތަކުގައި ސީދާ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެއީ ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުން ނޫން ކަމަށާއި އެއީ އެ މަސްވެރިކަމަށް ހުޅުވާލުމުގެ ވިސްނުމުގައި އަޅާ ފިޔަވަޅެއްވެސް ނޫން ކަމަށެވެ. މިގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ ތަކެތި މަދުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މި ގަވާއިދުގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ހިމަނާފައިވާ ކަންކަމަކީ:

– މަސްވެރިކަން ކުރާއިރު ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުން ނުކުރުން
– ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާ ވެސް އަވަހަކަށް ދޫކޮށްލުން
– މަރުވެފައި އޮންނަ މިޔަރު ބަނދަރަށް ގެންނައިރު އެއްވެސް އުރަހައެއް ހަށިގަނޑުން ވަކިނުކޮށް ގެނައުން