ސެޕްޓެމްބަރ 21, 2024

އިސްލާމީ އުއްމަތުގެ މައްޗަށް އަތްގަދަ ކުރެވެނީ މުސްލިމުން ދުނިޔެއަށް ދަހިވެތި ވުމުންނެވެ.

މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުގައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުންތޯ މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ފަލަސްތީނާއި މުސްލިމުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ބަޔަކު ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް، ފަލަސްތީނުގެ ބިމާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކަކީ މި ފަހުގެ ތާރީހުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައި ކަމަށެވެ.

ފަލަސްތީންގެ ބަރަކާތްތެރި މުގައްދަސް ބިމުގެ މައްސަލަ އިސްލާމީ އުންމަތުގެ އެންމެ މުހިންމު ގަޒިއްޔާއަށް ނުވާންވީ ކީއްވެގެންތޯ ސުވާލު އުފައްދައި ހުތުބާގައި ބުނީ، އަލްމަސްޖިދުލް އަގުސާއަކީ މުސްލިމުންގެ ފުރަތަމަ ގިބުލައަށްވާއިރު އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން މިސްކިތްކޮޅުގެ ތެރެއިން އެއް މިސްކިތްކޮޅު ކަމަށެވެ. އަދި އެއީ އަޅުކަމެއްގެ ގޮތުގައި ދަތުރުކޮށް ބުރަ އުފުއްލައިގެން ދިއުން ޝަރުއުކުރައްވައިފައިވާ ތިން މިސްކިތްކޮޅުގެ ތެރެއިން އެއް މިސްކިތްކޮޅު ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މުސްލިމުން ބައިތުލްމަގުދިސް ފަތަހަކުރާނެކަމުގެ އުފާވެރި ހަބަރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެކަލޭގެފާނު ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”ގިޔާމަތް ވުމުގެ ކުރިން ހަ ކަމެއް ހިނގާނެތެވެ. އޭގެތެރޭގައި ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި ބައިތުލްމަގުދިސް ފަތަހަކުރުންވެއެވެ.“

ހުތުބާގައި ބުނީ، ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްތީނު މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހަމަ އެކަނި އަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށެވެ. އެއީ ހުރިހާ މުސްލިމުންގެ ގަޒިއްޔާއެއް ކަމަށާއި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށްވެ، އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުގައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުންތޯ ކުރާ ސުވާލަށް ކީރިތި ރަސޫލާ ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެކަލޭގެފާނު ހަދީޡްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”ބަޔަކަށް ޖާފަތަކަށް އަންނާން ގޮވުމުން، އެބައިމީހުން އައިސް ކާތަކެތީގެ މަށްޗަށް އަރައިގަންނަ ފަދައިން، އުންމަތްތައް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނަ ދުވަސް ގާތްވެއްޖެއެވެ.“

އެހިނދު ބޭކަލަކު ދެންނެވިއެވެ. އެކަން އެ ދުވަހަކުން ވާނީ ތިމަންމެންގެ ބައި މަދުވެގެންތޯއެވެ؟

ހަދީޘްކުރެއްވިއެވެ. ”އަދި ކިއެއް ހެއްޔެވެ؟ އެ ދުވަހަކުން، ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު، ތިޔަބައިމީހުން ވާހުށީ، އޮއިކުނިތަކެއް ފަދަ އެއްވެސް އަގެން ނެތް ބަޔަކަށެވެ. އަދި ތިޔަބައިމީހުންގެ އަދުއްވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން (މީހުން ޖެހިލުންވާ ސިފަ)، الله سُبْحَانَهُ وَتَعَالَى، އެ ހިތްތަކުން ނެރެލައްވައިފާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް ވަހުނު ވައްދަވައިފާނެއެވެ.“

އެހިނދު ބޭކަލަކު ދެންނެވިއެވެ. އޭ، اللهގެ ރަސޫލާއެވެ! ވަހުނަކީ ކޮންއެއްޗެއްތޯއެވެ؟

ހަދީޘްކުރެއްވިއެވެ. ”އެއީ، ދުނިޔެއަށް ދަހިވެތިވުމާއި މަރަށް ނުރުހުންތެރި ވުމެވެ.“