އޮކްޓޯބަރ 6, 2024

ސްކޭމަކުން 1.8 މިލިއަން ހޯދި މީހަކާއެކު ޕީޖީން އެއްބަސްވުމަކަށް، ދައްކަން ޖެހުނީ 113،000ރ.

ކުޑަކުއްޖަކު އޭނާ ކާފަގެ ބޭންކް އެކައުންޓުން އެހެން މީހަކަށް 1.8 މިލިއަން ރުފިޔާ ފޮނުވި މައްސަލައެއްގައި، އެ ފައިސާ ލިބުނު ފަރާތުން އެ ފައިސާ ބޭނުންކުރުމުގެ އަދަބެއްގެ ގޮތެއްގައި 113،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖޫރިމާނާ ކޮށްފައިވަނީ ހއ. މޮޅަދޫ/ މިސްރާބު، ހަސަން ނާހިދެވެ.

އޭނާގެ މައްޗަށް އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން ކާފައަށް ނޭނގި، އެކިފަހަރު މަތިން 1.8 މިލިއަން ރުފިޔާ ފޮނުވުމުން އެ ފައިސާ ބޭނުންކުރި މައްސަލާގަ އެވެ.

އެ ފައިސާ ފޮނުވާފައިވަނީ ނާހިދު އާއި އޭނާ އޭރު ކައިވެނިކޮށްގެން އުޅުނު މީހާގެ އެކައުންޓަށް ކަމަށާއި އަދި ފައިސާ ބޭނުންކުރީ އޭނާ އަމިއްލައަށް ކަމަށް ދައުވާގައިވެ އެވެ.

އެ އެކައުންޓްތަކަށް 1.8 މިލިއަން ރުފިޔާ ފޮނުވި ނަމަވެސް އޭގެ ތެރެއިން 1.6 މިލިއަން ފުލުހުން ވަނީ އަނބުރާ ހޯދައިފަ އެވެ.

އެ މައްސަލައިގައި ނާހިދުގެ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގައި ދައުލަތުން އެއްބަސްވެފައިވަނީ ނާހިދު، ދައުވާއަށް އިއުތިރާފުވެއްޖެނަމަ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކުރުމަށެވެ.

އެގޮތުން ނާހިދުގެ މައްޗަށްކުރާ ދައުވާގެ އަދަބަކީ 1 އަހަރާއި ހަތް މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އެ ޖަލު ހުކުމް ވަނީ 115،400 ރުފިޔާއަށް ބަދަލުކޮށްފަ އެވެ.

އެއީ ސައްހަ އިއުތިރާފުގެ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ނާހިދު ބަންދުގައި އަށް ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކުރުމުން އަންނާނެ ޖޫރިމަނާގެ އަދަބަކީ 11،3،800 ރުފިޔާ ކަމަށެވެ. އެހެންވެ އެ އަދަދުން ޖޫރިމަނާކޮށް އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމްކުރި އެވެ.