ސެޕްޓެމްބަރ 21, 2024

ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ސަލާހުއްދީންގެ ހަނދާނަށް އަރުވައިފި

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު، ފަޟީލަތުއްޝައިހް އަލްމަރުހޫމް ހުސެއިން ސަލާހުއްދީންގެ ހަނދާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. އެ ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

ސަލާހުއްދީންގެ ހަނދާނަށް ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ޝަރަފުގެ އައްޑަނަ، ރައީސް މުއިއްޒު އަރުއްވާފައި ވަނީ ސަލާހުއްދީނަށް ކާފަ ވިދާޅުވާ އެންމެ ދޮށީ ދަރިފުޅު، ހުސެއިން ޝިހާބް އަށެވެ. އެ ޖަލްސާގައި ސަލާހުއްދީންގެ އާއިލާގެ ބޭފުޅުން ކަމަށްވާ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި އަހުމަދު ޝިހާބާއި އިސްމާއިލް ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް އޮފީހުން ބުނީ، އެ ޝަރަފު ސަލާހުއްދީނަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހީންގެ ދީނާއި ދިވެހީންގެ ދިވެހިބަހާއި ތަރިކައާއި ސަގާފަތާއި މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކައި ކަމަށެވެ.

Leave a Reply