ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެ

މާލޭ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން އޭނާ ފެނުނީ އެ މީހާގެ ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ގޮސް އެ ކޮޓަރިއަށް ވަދެ ބެލި އިރު ކަމަށެވެ.

އެއީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އޭނާ މަރުވެފައި އޮތް ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުން ބުނީ، ސީންގައި މިވަގުތު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.