އަމީނީ މަގުގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ލެގޫންސް ފުޓްސަލް ދަނޑު ކައިރީގައި ޕަންޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ވާރޭވެހޭ މޫސުމުގައި މާލޭގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ ޕެނަލް ބޯޑު ހަރުކުރުމާއި ޕަމްޕް ސްޓޭޝަންގެ އެހެނިހެން މަސައްކަތް ކުރިއަށްދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އާރުޑީސީއާ ގުޅިގެންނެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ކުރީކޮޅެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމި އެވެ.



