ވަގަށް ނެގި ސައިކަލެއްގައި ގޮސް، ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓާއި ފޯނު ފޭރިއްޖެ

ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓާއި ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި/ ހަބީބީހެޕް، އިސްމާއިލް ސާއިފް، 39އ. އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ދުއްވާފައި ދިޔަ އެ އަންހެނެއްގެ އަތުން ފޭރުނު މައްސަލައިގައި ކަމަށާއި އެ އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށެވެ.

އަދި ސާއިފް ދުއްވި ސައިކަލަކީވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، ސާއިފް ފޭރުނު ވޮލެޓާއި ފޯނު ފުލުހުން ހޯދައި، އޭނާ ދުއްވި ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.