ސެޕްޓެމްބަރ 21, 2024

ތަސްލީމު ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް ފުލުހުން އެދިއްޖެ

މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް އެދިއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަސްލީމު ގެއްލިގެން 30 އޮގަސްޓު 2024 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި އެއާއި އެކީ ވަގުތުން ތަސްލީމު ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ތަސްލީމު ހޯދުމުގެ ގޮތުން އޭނާ ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާރޑަށް އެ މައުލޫމާތު ހިއްސާކޮށްގެން ޑައިވިންގ ޓީމުން ވަނީ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ..

އަދި ތަސްލީމު ހޯދުމުގެ ގޮތުން އެމްއެންޑީއެފްގެ ޑައިވިންގ ޓީމް ވަނީ 31 އޮގަސްޓު 2024 އިން 1 ސެޕްޓެމްބަރު 2024 އަށް އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު (ޖުމްލަ 3 ދުވަސް) 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައި ކަމަށް ފުލުހުން ބުންޏެވެ..

ފުލުހުން ބުނީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް އެމީހުން ދަތުރު ދިޔުމަށްޓަކައި 29 އޮގަސްޓު 2024 ވަނަ ދުވަހު ފުރާފައިވާ ކަމަށާއި ތަސްލީމު ހިމެނޭހެން ޖުމްލަ 25 މީހުން މި ދަތުރުގައި ބައިވެރި ކަމަށެވެ. މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ބުންޏެވެ. މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ..

ތަސްލީމުމެން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި އިތުރު ބަޔަކުވެސް ދަތުރު ގޮސް ތިބި ކަމަށާއި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ބަޔާން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

”އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވެއެވެ. އަނެއް ދުވަހު ހެދުނުވެސް ތަސްލީމު ވަނީ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައެވެ. މަންޒަރު ހިމެނޭ ފޮތޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފައެވެ“ ފުލުހުން ބުންޏެވެ..

”އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9″00 އާ ދޭތެރޭގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ނުފެނުނެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ވަނީ ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާފައެވެ. އޭނާ މާލެ ނުދާ ވާހަކަ އާއިލާއިން ބުނުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ރައްޓެހިން ވަނީ ފަށާފައެވެ“ ފުލުހުން ބުންޏެވެ..

އެ މައްސަލައިގައި މިހާތަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާއި ވަނީ ސުވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ތަސްލީމު އާންމުކޮށް ގޮސް އުޅޭ ތަންތަނާއި ތަސްލީމު އެހެން ލޯންޗަކުން މާލެ އައިތޯ ފުލުހުން ވަނީ ބަލައިފައި ކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމު ހޯދުމަށްޓަކައި މިހާރު ވަނީ އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.