ސެޕްޓެމްބަރ 21, 2024

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ރުހުން ދީފި އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އައްބާސް ޝަރީފް އާއެކު ފަސް ބޭފުޅުން އެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނަކީ:

  • މަރްޔަމް ނިހާޔަތު، މ. ތާޖް
  • އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ
  • އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް
  • އަހްމަދު ޔާމީން، ހ. ދިއްލީގެ
  • އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02

މި ބޭފުޅުންގެ ތެެރެއިން ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި އައްބާސްގެ ނަން އެކަންޏެވެ.

އެކަމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި އައްބާސްގެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން އައްބާސްއާ ގުޅޭ މައްސަލައެއް އޮތް ނަމަ އިއްޔެ މެންދުރު 12:00ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން ހުޅުވާލި އެވެ. އެ މުއްދަތު ހަމަވި އިރު، އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެ އެވެ.

އެހެންވެ ޕީޖީކަމުގެ ޝަރުތު ފުރިހަމަވޭތޯ އިއްޔެ ޖުޑިޝަރީ ކޮމިޓީން އައްބާސްއާ އިންޓަވިއު ކުރުމަށްފަހު ވަނީ އޭނާއަށް ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމި އެވެ. އެހެންވެ ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް މިއަދު ހުށަހެޅި އެވެ.

ޕީޖީ މަގާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން ފާސްކުރީ، އެ ރިޕޯޓްގައިވާ ގޮތުގެމަތިންނެވެ.

ޔުނިވަސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވި އެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަންވެސް ކުރައްވައިފައެވެ. އަދި ރައީސް އަބުދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގައި ވެސް ވަކީލުކަން ކުރައްވައިފައެވެ.

ޕީޖީގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި، ހުސެއިން ޝަމީމު ޕީޖީކަމުން ވަކިކުރުމާ ގުޅިގެންނެވެ.

ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތުތަކެއް ކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް މަޖިލީހުން އިތުބާރުނެތްކަމުގެ ވޯޓު ނެގީ އޭނާ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.