ނޮވެމްބަރ 24, 2024

ބީއެމްއެލްގެ އިތުބާރު ގެއްލޭ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: އިބޫ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕާޓީ، އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާއި ގުޅިފައިވާ ތަނެއް ކަމަށާއި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށެވެ.

”ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ބީއެމްއެލް އަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެއް. އެއީ ރައްޔިތުންގެ ބޭންކް،“ ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވި އިރު، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން މިދިޔަ އޮގަސްޓު މަހު ނިންމި ނިންމުމަކީ އެއީ ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ އެހެން އިސް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ބީއެމްއެލް އިން އެކަން ކުރުވުމުގެ އަޑީގައި ތިބީ އެމްޑީޕީ އެވެ.

ބީއެމްއެލް އިން މެދުވެރިކޮށް ބަޣާވާތް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއިވާ ގޮތުން އެ މައްސަލައިގައި ބަޔަކު ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކަށް ތުހުމަތު ކުރެވިފައި ނެތް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ފެންމަތިވި ފަހުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ބޭރަށް ވަޑައިގެން، އިސްތިއުފާ ވަނީ ހުށަހަޅުއްވައިފަ އެވެ.