އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަތުހަރުގެ މަރުގެ މައްސަލައިގައި ތަފުސީލު ނުވަތަ އެ މައްސަލައާ ގުޅިގެން މާގިނަ ވާހަކަ ދެއްކެން އަދި ނެތް ކަމަށެވެ.
”އޮޓޮޕްސީ ނިމިފައި އޮޓޮޕްސީގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެ ރިޕޯޓުގައި ކޯޒް އޮފް ޑެތްގެ ގޮތުގައި ނުވަތަ މަރުވާން ދިމާވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންސިސްޓެންޓް ވިތު ޑެތް ޑިއު ޓު ހޭންގިން،“ ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތުހަރުގެ އޮޓްޕްސީ ކުރިއަށް ގެންދިޔައީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ބޭފުޅަކުވެސް ބައިވެރިވެގެން ފުލުހުން ބެލުމުންގެ ދަށުން ކަމަށެވެ. ނަމަވެސް އަތުހަރުގެ މަރުގެ މައްސަލައަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި އެޗްއާރުސީއެމް އިން ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލު ލިބޭނީ އެ ފަރާތްތަކުން ކަމަށް ވިދާޅުވި އެވެ.
ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަތުހަރު މަރުވީ މި މަހު ދެވަނަ ދުވަހުއެވެ. އެހެންވެ، އޭނާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.




ގުޅުންހުރި
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ ނަޝީދު ކަމަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ޕާކިސްތާނުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް އަފްޣާނިންތާނަށް
ކުޑަކުދިން ހުކުރު ހުތުބާއަށް ޝައުގުވެރިކަން އުފައްދަން ކުއިޒްއެއް، އެއްވަނައަށްދާ ކުދިން އުމްރާއަށް!