ގާނޫނުގައި ބަޔާންކުރާ އަދަދަށް އެކުންފުންޏެއްގައި ޑިރެކްޓަރުން ނެތިގެން، ޑިރެކްޓަރުން އައްޔަންކުރުމަށް ރަޖިސްޓްރާ އަންގާތާ 10 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަން ކުރަން ޖެހޭގޮތަށް ކުންފުނީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. އެ ބިލު ފާސްވެފައިވަނީ 85 މެންބަރުންގެ ވޯޓުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު ވަނީ އެ ބިލު މިއަދު ތަސްދީގު ކުރައްވާފައި ކަމަށެވެ. އަދި އެ ބިލު ގެޒެޓުކޮށް މިއަދު ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުންފުނި އުފައްދައި ހިންގުމުގެ ގާނޫނުގައިވަނީ އެ ކުންފުނިތަކުގައި ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާންކޮށްފައެވެ. އެގޮތުން ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން ދެ ޑިރެކްޓަރުން އަދި ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންޖެހެ އެވެ. ނަމަވެސް އެހެން ގާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގާރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތަށް އޮންނައިރު އެކުންފުންޏެއްގައި ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ހަމަނުވާކަމުގެ މައުލޫމާތު ރަޖިސްޓްރާއަށް ލިބޭ ހިސާބުން ގާނޫނުގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން އައްޔަންކުރުމަށް އެކުންފުންޏަށް އެނގުމުގެ ބާރު ރަޖިސްޓްރާއަށް ގާނޫނުން ވަނީ ދީފަ އެވެ. މީގެކުރިން ޑިރެކްޓަރުން އައްޔަންކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައި އޮތްނަމަވެސް އަލަށް ގެނައި އިސްލާހުގައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރުކޮށްފަ އެވެ.
މީގެ އިތުރުން އަލަށް ގެނައި އިސްލާހުގައިވަނީ ޑިރެކްޓަރުންގެ މައުލޫމާތާއި އައްޔަންކުރަންޖެހުނު ސަބަބު ބަޔާންކުރާ ގަރާރާއި ޑިރެކްޓަރުކަމުގެ ޝަރުތު ފުރިހަމަވާ މީހެއްކަމަށް ބަޔާންކޮށް، ނޯޓަރައިޒްކޮށްފައިވާ އިގުރާރު، ރަޖިސްޓްރާއަށް އެ 10 ދުވަހުގެ ތެރޭގައި ހުށައަޅަންޖެހޭނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތުން ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާގެ ދައުވަތު ދިނުމަށް އޮތް މުއްދަތު 3 ދުވަހަށްވަނީ ކުޑަކޮށްފައެވެ.ޖަލްސާ ބޭއްވުމަށް އެދި ހުށައަޅާތާ 3 މަސްދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށް އޮތްއޮތުން ބަދަލުކޮށް ޖަލްސާ ބޭއްވުމަށް އަންގާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ހާއްސަ އާއްމު ޖަލްސާ ބޭއްވުމަށް ނޯޓިސް ފޮނުވަންޖެހޭ މުއްދަތަށްވެސް ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ޕްރައިވެޓް އަދި ޕަބްލިކް ކުންފުނިތަކުންވެސް ހާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން 14 ދުވަސްކުރިން ކުންފުނީގެ މެމްބަރުނަށް އެންގުމަށް އޮތްއޮތުން ބަދަލުކޮށް 7 ދުވަހުގެ ނޯޓިސް މުއްދަތަށްވަނީ ކުޑަކޮށްފައެވެ.

ގުޅުންހުރި
ސިނގިރޭޓު ވިއްކާ ފަރާތްތަކަށް ރައީސް: ތިއީ ކުރާވަރުގެ ކަމެއް ނޫން، އެހެންކަމަކާ
އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ މޮޅު ކުއްޖެއް، އެ ކުދީންނަށް ލޯބިދިނުމަކީ
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ
ޔޫކޭ ދަތުރުފުޅަށްފަހު ރައީސް ރާއްޖެއަށް، މަޖިލިސް ރައީސް އުޒްބަކިސްތާނަށް
ރައީސްގެ ޔޫކޭ ދަތުރުފުޅު: ލިވަޕޫލްގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހަދަން މަޝްވަރާ
ސިނގިރޭޓު ވިއްކާ ފަރާތްތަކަށް ރައީސް: ތިއީ ކުރާވަރުގެ ކަމެއް ނޫން، އެހެންކަމަކާ
އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ މޮޅު ކުއްޖެއް، އެ ކުދީންނަށް ލޯބިދިނުމަކީ
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ