އޮކްޓޯބަރ 3, 2024

އދ.ގައި ރައީސް އެދިވަޑައިގަތީ މާލީ އަދަބު ނުދީ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް

ރާއްޖޭގެ ނާޒުކުކަމަކީ ތަރައްގީއަށް ހުރަހެއްގެ ގޮތުގައި ދެކޭ ދެކުމުގެ ބަދަލުގައި މާލީ ނިޒާމުގެ ތެރެއިން ރާއްޖެއަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އދ.ގައި އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެދިވަޑައިގެންފި އެވެ.

އދ. ގެ އާންމު މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ހުރިހާ ގޮތަކުން ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށެވެ.

”ތަރައްގީވެފައިވާ ގައުމަކަށް ވުމަކީ ވަރަށް ބޮޑު މަސައްކަތެއް އަދި ވަރަށް ދުރު އުންމީދެއް ކަމަށް ހީވެދާނެ. އެހެން ނަމަވެސް އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭނީ މަގުސަދެއް ކަނޑައަޅައި، ޕްލޭނެއް އޮވެއްޖެ ނަމަ އެކަން ހާސިލުކުރެވޭނެ،“ ރައީސް ވިދާޅުވި އެވެ.

”ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައި، އަދި އޭގެ ތެރެއިން ކުރިއަރައި ދިއުމަކީ ދިވެހިންނަށް އާ ކަމެއް ނޫން.“

ރާއްޖެ އަށް 1965 ގައި މިނިވަންކަން އަލުން ލިބުނުއިރު، ރާއްޖެއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ލިޔަންކިޔަން ނުދަންނަ ކަމަށާއި އެއިރު ރާއްޖޭގެ އެއްވެސް ސިނާއަތެއް ނެތި، އެކްސްޕޯޓް ކުރެވޭ އެއްޗެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް 50 އަހަރުގެ ތެރޭގައި ރާއްޖެ ވަނީ އެ ހުރިހާ ކަމެއް ބަދަލުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެންމެ ފަންސާހަކަށް އަހަރުގެ ތެރޭ ވަނީ މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ދަރަޖަ އަށް އާދެވިފައި ކަމަށާއި އެއީ ވަރަށް ބޮޑަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެ އަށް ތަރައްގީވެފައިވާ ގައުމަކާ ހަމައަށް އާދެވޭނެ. ގައުމުގެ އުފެއްދުންތެރިކަމުގެ ގާބިލްކަން އިތުރުކޮށް އަދި އުފެއްދުންތެރިކަން އިތުރު ކުރެވޭނެ. އަޅުގަނޑުމެންގެ އިގުތިސާދު ޑިޖިޓަލައިޒްކޮށް އަދި އާޓިފިޝަލް އިންޓެލިޖެންސް އިން ކުރިއަށް ގެންދާ އިގްތިސާދަކަށް ބަދަލުކުރެވޭނެ،“ ރައީސް ވިދާޅުވި އެވެ.

”އަދި އެންމެ މުހިންމު ކަމަކީ، ގައުމުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިސާދު ފުޅާ ކުރުން.“

އދ.ގެ ތަގުރީރު ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ

– ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ އިގުތިސާދީ ތަރައްގީ އަށް މަގުފަހިކުރުމުގެ މުހިންމު ތަޅުދަނޑި ކަމަށާއި އަދި ޑިޖިޓަލް އިކޮނޮމީ ފަދަ މުހިންމު ދާއިރާތަކަށް އިންވެސްޓްމަންޓް ގެނައުމަށް އެހީތެރިވާ ސިޔާސަތުތައް ދެނެގަނެ ތަންފީޒުކުރައްވާނެ ކަމަށް

– އާންމު ހިދުމަތްތައް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދިނުމާއި އާ އުފެއްދުންތައް އުފެއްދުމާއި އަދި ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ކާމިޔާބުކަމާ އެކު ވާދަކުރެވޭނެ ޖީލެއް ބިނާ ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށް

– ގާނޫނީ އޮނިގަނޑުތައް ހަރުދަނާކޮށް މުއައްސަސާތައް ވަރުގަދަކޮށް އިގްތިސާދު ފުޅާ ކުރަން މުހިންމު ކަންކަން ރާއްޖެއިން ކުރަމުންދާ ކަމަށް

ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ފައިނޭންޝަލް ސެކްޓާއެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ޑިވެލޮޕްމަންޓް ބޭންކް ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ބޭނުންވާ ނަތީޖާއަކީ އެންމެންނަށް ފައިދާވާ ގޮތަށް ތަރައްގީ ގެނައުން. އެއީ ހަމަހަމަކަން ކަށަވަރު ކުރެވިފައިވާ ތަރައްގީއެެއް އަދި އަންހެނުންނާއި ޒުވާނުންނަކީ އަޅުގަނޑުމެންގެ ތަރައްގީގެ މައިގަނޑު ބައިވެރިން ގޮތުގައި ދެކެން. އަދި ބޭނުން ވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަން ލިބިފައިވާ ތަރައްގީއެއް،“ ރައީސް ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިސްރާބު ހުރީ އިންގިލާބީ އިގްތިސާދީ ކުރިއެރުމާ ދިމާއަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސަތުތަކުން ނަތީޖާ ހާސިލުކުރެވޭނީ އެކަށީގެންވާ ގޮތަށް ބައިނަލްއަގްވާމީ މާލީ އެހީތެރިކަމާ އެކުގައި ކަމަށެވެ.

”އަޅުގަނޑުމެންގެ ތަރައްގީއަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ލިބިފައިވީ ނަމަވެސް، ތަރައްގީއަށް އެހީދޭ ފަންޑުތަކާއި ބޭންކުތަކާއި އަދި ގައުމުތަކަށް އަޅުގަނޑުމެން ގޮވާލަނީ އަޅުގަނޑުމެންނަކީ ހަމައެކަނި އެހީ ލިބޭ ފަރާތް ގޮތުގައި ނުދެކެން. އަޅުގަނޑުމެންނަކީ ތަރައްގީގެ ބައިވެރިން. އަޅުގަނޑުމެންގެ އަމިއްލަ ނާޒުކުކަން ހުރަހެއްގެ ގޮތުގައި ނުބެލުމަށް. ދެފަރާތަށް ވެސް ފައިދާ ހުރި އުސޫލުތަކެއް ގެންގުޅުމަށް. ދަރަނި ނެގުމުގެ އަގު ކުޑަކޮށްދޭން،“ ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް އަދަބު ދިނުމުގެ ބަދަލުގައި މާލީ ނިޒާމުން އަޅުގަނޑުމެންނަށް ފައިދާވާނެ ގޮތް ހަދަން. ތިޔަ ފަރާތްތަކުގެ ޝަރުތުތައް ލުއިކޮށްދޭން.“