”ދިވެހިންގެރާއްޖެ“ ތީމްއާ ގުޅޭ ގޮތަށް ހުޅުމާލޭގައި ބޮޑެތި 17 ބިނާ ބަހައްޓަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމަންޓް ނުވަތަ ބިނާތަކެއް ބަހައްޓަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި، އެ ބިނާތައް ޑިޒައިން ކުރުމަށް މުބާރާތެއް ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ބިނާތައް ހަދާނީ ”ދިވެހިންގެރާއްޖެ“ ތީމްއާ ގުޅޭ ގޮތަށް ރާއްޖޭގެ ސަގާފަތާއި އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ގޮތަށެވެ. ހުޅުމާލޭގައި ހަދާ ރައުންޑްއަބައުޓްތަކުގެ މެދުގައި ބަހައްޓާ އެ ބިނާތަކުގެ އުސްމިނުގައި 164 ފޫޓު ހުންނަންޖެހެ އެވެ.

އެ ބިނާތައް ޑިޒައިން ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދިވެހި އާޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް އެކަންޏެވެ. އެގޮތުން ޕްރޮފެޝަނަލް އާޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް އެ މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

އަދި މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ ފަސް މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅޭނެއެވެ.

އެ މުބާރާތަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭންވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، 2024ގެ މެންދުރުފަހު 3:00 އެވެ.