އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ---

އަރަބިއްޔާގެ އާ އިމާރާތް ހަދަން ކަޑަޖެހިތާ 7 މަސް: އެއްވެސް ކަމެއް ނުކޮށް، އެއްބަސްވުން ބާތިލުކޮށްފި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން ބާތިލުކޮށްފި އެވެ

ޗާނދަނީ މަގުގައި ހެދި އަރަބިއްޔާ ސްކޫލް އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ސްކޫލު ހުސްކުރި އެވެ. އެ ފަހުން އެ ސްކޫލުގެ ދަރިވަރުން ކިޔެވީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހެދި ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އެ ތަނުގައި ދުވަސްތަކެއް ވަންދެން ކިޔެވުމަށްފަހު މިހާރު އަރަބިއްޔާގެ ކުދިން ކިޔަވަމުން އަންނަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތުގަ އެވެ.

އަރަބިއްޔާގެ ކުދިންނަށް އާ އިމާރާތެއް ނުލިބޭތީ ކުރަމުންދިޔަ ޝަކުވާއަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބާ ޖަމާލުއްދީން ހުރި ބިން ހުސްކޮށް، އެ ތަނުގައި އަރަބިއްޔާގެ އާ ސްކޫލް އަޅަން ނިންމި އެވެ. އެ އިމާރާތް ހަދަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެއީ 168.5 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބެއް ކަމަށް ބުނެ އަރަބިއްޔާގެ އާ އިމާރާތް އެހެން ތަނަކަށް ބަދަލު ކުރަން ނިންމި އެވެ. އެކަމަށްޓަކައި މި ސަރުކާރުން ދެއްކީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓެވެ. އެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ނޮވެމްބަރު 2023ގަ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެ މަހަށް ވެފައިވަނިކޮށް، މި އަހަރުގެ ފެބްރުއަރީ 24 ގައި އަރަބިއްޔާގެ އެ އިމާރާތް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށިކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރި އެވެ. އެކަމަށްޓަކައި އެ ބިމުގައި ރަސްމިއްޔާތެއްވެސް ބޭއްވި އެވެ. ނަމަވެސް އެކަން އިއުލާން ކުރިތާ ހަތް މަސް ވެގެން ދިޔައިރުވެސް އެ ބިމުގައި އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވާ ގޮތުން އަރަބިއްޔާގެ އާ އިމާރާތް ހެދުމަށް އަމިން ކޮންސްޓްރަކްޝަނާއެކު ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

ސަބަބެއް ކަމަށް އޮފިޝަލް ވިދާޅުވީ، އާ ބިމެއްގައި އާ ސްކޫލެއްގެ ކޮންސެޕްޓްގައި ސްކޫލް އިމާރާތް ކުރަން އަމިން ކޮންސްޓްރަކްޝަނުން ދިން އަގު 70 މިލިއަން މާކެޓް ޕްރައިސް އަށް ވުރެ ބޮޑުވާތީ، އެ އަގު ދަށްކުރުމަށް ކުރި މަޝްވަރާތަކުގައި އަލިމަގެއް ނުފެނުމެވެ. އަދި އާ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމާ މެދު ގޮތް ނިންމުން ލަސްވީ މަޝްވަރާތައް ދިގުލައިގެން ދިއުމުން ކަމަށްވެސް އޮފިޝަލާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އާ ކޮންޓްރެކްޓަރަކާ އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި ހަވާލުކޮށް، ވީހާ ވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.