އޮކްޓޯބަރ 10, 2024

ހުޅަނގުގެ ބާރުގަދަވެ، ރާއްޖޭއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެއްދިއްޖެ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓު އޮފީހުން މިއަދު ބުނީ މިއަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ރާއްޖެއަށް މޫސުން ވަރަށް ގަދަވާނެ ކަމަށެވެ. މެޓުން ބުނީ އުތުރާއި މެދުރާއްޖޭތެރޭގެ އަތޮޅުތަކުގައި އެވްރެޖުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާދެމެދު ވައިޖެހި ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރެޖުކޮށް ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ގުގުރައި އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

”ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވެ އެވެ. ވޭތުވެދިޔަ ހަތަރުދުވަހު އުތުރާއި މެދުރާއްޖޭތެރޭގެ ސަރަހައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވެ އެވެ“ މެޓުން ބުންޏެވެ.

އެގޮތުން ދަރަވަންދޫގައި އިއްޔެ ވަނީ 55 މޭލުބާރުމިނުގައި ވައިޖެހިފައި ކަމަށް މެޓުން ބުންޏެވެ. ހުޅުލެއަށް މިއަދު ވަނީ 58 މޭލާއި 61 މޭލު ބާރުމިނުގައި ވައިޖެހިފައި ކަމަށް މެޓުން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކު ސިޓީއަށް ކަމަށް މެޓުން ބުންޏެވެ. އެ ސިޓީއަށް ވަނީ 180 މިލިމީޓަރުގެ ވާރޭވެހިފައި ކަމަށް މެޓުން ބުންޏެވެ.

ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް މެޓުން ބުންޏެވެ.