ދައުލަތުގެ ފައިސާތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގޯސްތަކެއް ހަދައިފައިވާ ކަމަށާއި އެގޮތުން ހަރަދުކުރި ދެ ބިލިއަން ރުފިޔާގެ އެއްވެސް ރިކޯޑެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ފަންޑިން ޕްރޮޖެކްޓުތަކުގެ ފައިސާތަކުގައި ކަމަށެވެ.
ޒަމީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެެހެންވެ ފިނޭންސް މިނިސްޓްރީން ވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ނެރުން މަޑުޖައްސަލައިފައި ކަމަށް ޒަމީރު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި ތިން ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަމަށެވެ،
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޒަމީރު އެ ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ފައިސާ ހަރަދުކުރުމަށްފަހު އެކަމުގެ ރިކޯޑްސް ސިސްޓަމަށް އެންޓާނުކޮށް ހުރިއިރު، އެ ފައިސާ މި އަހަރުގެ ތެރެއަށް ރެކޯޑް ކުރެވިއްޖެ ނަމަ، އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެ ކަމަށެވެ.
”ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރި. މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ވެސް ކަންތައްތަކެއް ކޮށްފައި އެބަހުރި. މި ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،“ އުޝާމް ވިދާޅުވި އެވެ.
”އެ ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން. ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑު ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމަ އެއީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލާ ކަމަކަށް ވެގެން ނުވާނެ،“ އުޝާމް ވިދާޅުވި އެވެ.
ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި ކަމަށާއި އެކަމަކީ އެހާ ފަސޭހައިން ދޫކޮށްލާނެ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.
ގުޅުންހުރި
އެއް ބިލިއަން ޑޮލަރުގެ ދަރަންޏާއި ސުކޫކް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށައިފި
މުއްސަނދިންނަށް، އެންސްޕާގެ އެހީ ދޭނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި
ތަނަވަސް މީހުންނަށް މުސްކުޅިންގެ ޕެންޝަން ނުލިބޭ ގޮތަށް ހަދަނީ
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖަޓެއް ހުށަހަޅައިފި
މިދިޔަ ވެރިކަމުގައި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ: ނައިބު
ބީލަމަށް މަކަރުހަދާ ފަރާތްތަކަށް ފިޔަވަޅު އަޅާ އުސޫލު އާންމުކޮށްފި