މި ސަރުކާރާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެން ދައްކަވަމުންދާ ވާހަކަތައް ރައްދު ދޭން ބޭނުންނުވާ ކަމަށާއި އެ ވާހަކަތަކަށް އިހުތިޔާރު ކުރާނީ ހަނުހުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރުގައި އެއްވެސް ސަރުކާރަކުން ވެރިކަމުގެ ފުރަތަމަ އަހަރުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގައިފައިނުވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ޔާމީންގެ ސަރުކާރުން ކަމަށެވެ. އެ ސަރުކާރުގެ ވެސް ފުރަތަމަ އަހަރު ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމުނީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށާއި ހިޔާ ފުލެޓުތަކަށް މީހުންނަށް ވަދެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ތަރައްގީއަކީ ފަސް އަހަރުން ގެނެވޭނެ އެއްޗެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މި ސަރުކާރަށް ބިނާކުރަނިވި ފާޑު ކިޔުންތައް އަމާޒުކުރުމުގެ ބަދަލުގައި ވާދަވެރިން ދަނީ ޒާތީ ކަންކަމާ ބެހި އަނބުރަށް އަރައިގަތުމުގެ ވާހަކަތައް ދައްކަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”ސިޔާސީ ބައެއް ލީޑަރުން ގޭގަ ތިއްބަވައިގެން މީސްމީހުންނަށް ޒާތާ ބެހުމަކީ އެއީ އަނެއް ސިޔާސީ ފާޑު ކިޔުމަކަށް ނުވާނެތާ. އެއަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއަކީ އަޅުގަނޑުމެން އެހާ ކަންބޮޑުވާކަމެއް ނޫނޭ އެއާ ދޭތެރޭގަ ވިސްނަން ވެސް ބޭނުންވާކަމެއް ނޫނޭ، އެއާ ރައްދުދޭން ވެސް ބޭނުންވާ ކަމެއް ނޫން. ރައްދުދޭން ވެސް ވާނީ ރައްދުދޭ ފެންވަރުގެ ވާހަކަ ދެއްކީމަ. މީހުންގެ ޒާތާ ބެހި އަނބުރަށް އަރައިގެން ހަޑިހުތުރު އެއްޗެހި ގޮވާ މިކަންކުރާ ބަޔަކަށް ރައްދުދޭން އުޅުމަށްވުރެ ރަނގަޅުވާނެ ހަނުތިބިއްޔާ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު ދިވެހި ސަރުކާރު ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ސަރުކާރުން، އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާހުރި ކަމަށާއި އެ ފައިސާ މި ސަރުކާރުން ދައްކައިފައިވަނީ މިއަހަރަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ބަޖެޓުން ކަމަށެވެ. އެތެރޭގެ ދަރަނިތަކުގެ އިތުރުން ބޭރަށް ދައްކަންޖެހޭ ދަރަނިތަކުގެ އަދަދުތައް ހުރީ އިންތިހާއަށް މަތީގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ދަރަނިތައް ކިތަންމެ ގިނައިން ހުރި ނަމަވެސް މިހާތަނަށް އެއްވެސް ދަރަންޏެއް ޑީފޯލްޓުވެފައިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނައިފައިނުވުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގުޅުންހުރި
މަޖިލީހުގެ ޖަލްސާތައް ރޯދައިގެ ފަހު 10އަށް މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން އުޅޭތީ ހުށަހެޅި ކުއްލި މައްސަލަ
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
ޕީއެންސީ ޕީޖީގެ ”ވޯމްއަޕް“ ބައްދަލުވުމެއް، އަބްދުއްރަހީމް ބައިވެރިވެ ވަޑައެއް ނުގަންނަވާ
ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވާއިރު ރިޔާސަތު ބަލަހައްޓާނީ އަބްދުއްރަހީމް