ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި ނަމަވެސް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު އަދި ގޮތެއް ނުނިންމަވ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުވެރިވެވަޑައިގެންނަވާ ފަސް ވަރަކަށް ބޭފުޅުން އެބަ ތިއްބެވި އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ވަކި ނަމެއް ސޯލިހު ވިދާޅުނުވި ނަމަވެސް ފައްޔާޒަކީ އޭގެ ތެރެއިން އެއް ނަމެވެ.
’އަދަދު‘ ނޫހުގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ގާބިލު ބޭފުޅުން ތިއްބެވި ޕާޓީއެއް ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ވެރިކަން ކުރެއްވޭނެ ބޭފުޅުންވެސް އެބަ ތިއްބެވި ކަމަށެވެ. އަދި 2028 ވަނަ އަހަރާ ހަމައަށްދާއިރު ރަނގަޅު ބޭފުޅުންތަކެއް ކުރިއަށް ނުކުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެ ތިމަންނާ އެކަހަލަ (ވެރިކަމަށް ކުރިމަތިލުމުގެ) އިންޓްރެސްޓެއް ނެތޭ. އަޅުގަނޑުގެ އިންޓްރެސްޓް އެބަހުރި. އެކަމަކު އޭގެ މާނައަކީ 2028 ގައި އެކަން ކުރަން އަޅުގަނޑު ނިންމައިގެން ހުރި ވާހަކައެއް ނޫން،“ ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުންދަނީ 2028 އާ ހަމައަށް ނުވަތަ އެއަށްވުރެވެސް ކުރިން މިހާރު އޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަލިކޮށް، 2028 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން ކަމަށެވެ.
ޕްރައިމަރީތައް ބާއްވައިގެން ޕާޓީގެ މެންބަރުންގެ ބަހެއް އޮވެގެން ކަންކަންވުމަކީ އެމްޑީޕީގެ ވަރަށް މުހިންމު ސިފައެއްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ވަކި މީހެއްގެ އެއްޗެއްގެ ގޮތަށް އެމްޑީޕީގެ އޮތް އޮތުން މިހާރު ބަދަލުވަމުން އަންނައިރު، ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއްގެ ސަބަބުން ޕާޓީގެ މެންބަރުންތަކެއް ވަކިވެގެންދާނެ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީގެ މަގުގައި އެމްޑީޕީ ވެސް ދިވެހިރާއްޖެ ވެސް ކުރިއަށްދާ ކަމަށްވާ ނަމަ، ވަކި މީހަކަށް ބަރޯސާވެގެން އޮންނަ އޮތުމަށްވުރެ ސިޔާސަތުތަކަކަށް ބަރޯސާވާން މި ޖެހެނީ. އެހެންވީމަ އެގޮތަށް ޕާޓީ ބަދަލުވާތަން ފެންނަމުން މި ދަނީ،“ ފައްޔާޒް ވިދާޅުވިއެވެ.

3 Comments
ގުޅުންހުރި
ފުވައްމުލަކާއި އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓް އިއްޔެ ހިނގައިފި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި