މާތް ނަބިއްޔާގެ ހަލީފާކަން ކުރެއްވި ހަތަރު އަސްހާބުބޭކަލުންގެ ހަޔާތްޕުޅުން ލިބިގަންނަންވީ ފިލާވަޅުތައް މިއަދުގެ ހުކުރު ހުތުބާގައި ކިޔައިދީފި އެވެ.
”އަލްޚުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުން ދަރުސްތަކެއް“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله سُبْحَانَهُ وَتَعَالَى، ކޮންމެ ނަބިއްޔަކަށްމެ އެ ބޭކަލަކަށް ތަބައަވާނޭ ސަހާބީން ލެއްވި ކަމަށާއި އެ ގޮތުން އެކަލާނގެ މި އުންމަތަށް ކައުކުރެއްވި ނަބިއްޔާގެ އަސްހާބުންވެފައި ވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއް ކަމުގައި ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ދިހަ ބޭކަލަކު ޚާއްޞަކުރައްވައި އެ ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވި ކަމަށް ބުންޏެވެ.
އެގޮތުން އަލްހުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ހަލީފާކަން ކުރެއްވި ހަތަރު އަސްހާބުބޭކަލުންކަމުގައިވާ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ)އާއި، عُمَرُ (رَضِيَ اللّٰهُ عَنْهُ) އާއި، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އާއި عَلِي (رَضِيَ اللّٰهُ عَنْهُ) މި ހަތަރު ބޭކަލުން ކަމަށާއި އެ ބޭކަލުންނަކީ ނަބިއްޔާ، އެ ބޭކަލުންނަށް ތަބާވުމަށް އިރުޝާދު ދެއްވައިފައިވާ ބޭކަލުން ކަމަށެވެ.
ހުތުބާގައި ބުނީ, މުސްލިމުންގެ އެންމެ ފުރަތަމަ ހަލީފާއަކީ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ) ކަމަށާއި އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއްކަމުގައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހެޔޮ ކޮންމެ ކަމެއް ކުރެއްވުމުގައި އެކަލޭގެފާނު ކުރި ހޯއްދަވާ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ދެވަނަ ޚަލީފާ, عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ) އަކީ އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާގެ މައްޗަށް އެންމެ އަދާވާތްތެރި އެއް ބޭކަލެއް ކަމަށާއި އެގޮތުން އުރައިން ކަނޑި ދަންމަވައިގަނެ، ﷲގެ ނަބިއްޔާ ގަތުލުކުރުމަށް އެކަލޭގެފާނު ވަޑައިގެން ކަމަށެވެ.
ނަމަވެސް، ﷲ تَعَالَى އެކަލޭފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާއުގައި ވަގުތުން މަސައްކަތް ފެށްޓެވި ކަމަށާއި ގުނައި އަދަދު ނުކުރެވޭހައި ގިނަގުނަ ހިދުމަތްތަކެއް އިސްލާމްދީނަށް ކުރައްވައި ގިނަގުނަ ނަސްރުތަކެއް ހޯއްދަވައިދެއްވި ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުން ވެސް މުޅި އިސްލާމީ ދައުލަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫޙާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރަކަށް ކަމަށާއި ޝައިތާނާ ވެސް އުމަރުގެފާނު ހިންގަވާ މަގަކުން ހިނގާން ޖެހިއްޖެ ނަމަ، މަގު ބަދަލުކުރާކަމުގައި މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި ބުނީ, عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)ގެ ހަޔާތްޕުޅުން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާހުވެ، ދީނަށާއި އުންމަތަށް ހިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއްކަން ކަމަށެވެ.
އަދި އެހައި ފަސޭހައިން މީސްތަކުންނާ މެދު އުންމީދު ކަނޑައިލައިގެން ނުވާނެކަމާއި ދީނާ ދުރު ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް އަހަރެމެންގެ ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަދައްކައި، ނަސޭހަތް ދީ، ޝަރުއީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮ މަގު ދައްކައިދީ، ﷲއާ ވަކީލުކުރުމަކީ ވެސް އެކަލޭގެފާނުގެ ހަޔާތްޕުޅުން ލިބޭ ފިލާވަޅެއް ކަމަށް ބުންޏެވެ.
މުސްލިމުންގެ ތިންވަނަ ޚަލީފާ، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އަށް އިޝާރާތް ކުރައްވައި ހުތުބާގައި ބުނީ, އެކަލޭގެފާނަކީ ތަނަވަސްކަމާއެކު މީސްތަކުންނަށް ނުހަނު ދީލަތި ބޭކަލެއްގެ އިތުރުން އަހުލާގީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއްގެ ކަމަށެވެ. އެގޮތުން މަލާއިކަތުން ވެސް އެކަލޭގެފާނު ދެކެ ލަދުވެތިވެވަޑައިގަންނަވާކަމުގައި ރަސޫލު ހަދީޡްކުރައްވާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އިސްލާމީ އަހުލާގިއްޔާތުގެ މި ރިވެތި ސިފަތަކާ އެކު، އެކަލޭގެފާނަކީ ނަބިއްޔާގެ ދެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިވަޑައިގަތް ހަމައެކަނި ސަހާބީ ކަމަށާއި އެހެންކަމުން އެކަލޭގެފާނަށް ޛުއްނޫރައިން ނުވަތަ ދެނޫރުގެ ވެރިޔާގެ ލަޤަބު ލިބިވަޑައިގަތް ކަމަށް ހުތުބާގައި ބުންޏެވެ.
عَلِي (رَضِيَ اللّٰهُ عَنْهُ) އަކީ ހިތްވަރުގަދަކަމުގެ ރަމްޒެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ, ހަނގުރާމައިގެ މައިދާނުގައްޔާއި ހަލީފާކަމުގައި ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ގިޔާދަތާއި ހިތްވަރަކީ ތާރީހު ހެކިދޭ ކަންކަން ކަމަށެވެ. ހަމަ އެހެންމެ، މާތް ނަބިއްޔާ މަދީނާއަށް ހިޖުރަކުރެއްވުމަށް އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތުމާ އެކު، އެކަލޭގެފާނު އަވަހާރަކޮށްލާން ތައްޔާރަށް ތިބި ވަގުތުގައި ވެސް މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ނަބިއްޔާގެ ދާންމަތިކޮޅުގައި އޮންނެވީ އަލީގެފާން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ, އަހަރެމެންނަކީ ވެސް ދީނުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ޒަމާނާއެކު އަންނަ ގޮންޖެހުންތަކާ، ކެރިގެން ކުރިމަތިލާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ހައްގު މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހޭ ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ވަކިކުރި ކަމަށް ބުނާ ސިޔާސީ މީހުންގެ ނަމަކީ ޒާތީ މައުލޫމާތު ކަމަށް
ދޮންބަންޑާރައިގެ ޖިހާދާއި ރީތި އަހުލާގަކީ އެންމެ އަގުހުރި ފިލާވަޅު: ރައީސް
ހިޔާގައި ލިފްޓް ހަރުކުރުމުގެ މަސައްކަތަށް 18 މިލިއަން ޑޮލަރު ހަރަދުވެއްޖެ: އެޗްޑީސީ
އެމްޑީޕީގެ ޖަލްސާއަށް މަސްވެރިންނަށް ދައުވަތު ދީފައިވަނިކޮށް ރައީސް ކެޔޮޅުންނާ ބައްދަލުކޮށްފި
ކެޓް ޝެލްޓާ ހަދަން ދިޔަ ހަރަދު ދިނުމުން މިނިސްޓްރީއާ އެތަން ހަވާލުކުރާނަން!
މިއަދު ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި