މ. ގްރީން ބިލްޑިންގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށާއި ތަނުގައި ހުރި ތަކެއްޗަށް ލިބުނު ގެއްލުންތައް ފޫބައްދަން 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓެއް އެ ކައުންސިލުން ފާސްކޮށްފި އެވެ.
އަލިފާނުގެ ހާދިސާގައި ގްރީން ބިލްޑިން ވަނީ އެއްކޮށް އަނދައި ބޭނުން ނުކުރެވޭ ވަރުވެފައެވެ. އެތަނުގައި ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ކައުންސިލްގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓް ދަނީ ހިންގަމުންނެވެ.
ސިޓީ ކައުންސިލުން ބޭނުންކުރަމުން އައީ އެ އިމާރާތުގެ އެންމެ ތިރީގައި ހުންނަނީ ލޭންޑް ސެކްޝަނެވެ. ކައުންސިލުގެ މުހިންމު ޑިޕާޓްމަންޓްތަކެއް ހިންގަމުން އައި އިމާރާތާ ގްރީން ބިލްޑިން ގުޅާލާފައި ވަނީ 20 ވަރަކަށް ފޫޓުގެ ދިގުމިން ހުންނަ ވޯކްވޭއަކުންނެވެ. އެއީ ޓިނާއި ޑެކު ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ވޯކްވޭއެކެވެ. ގްރީން ބިލްޑިންގައި ރޯވި އަލިފާން ސިޓީ ކައުންސިލުގެ އިމާރާތަށް ފޯރީ އެ ވޯކްވޭގެ ތެރެއިން އައިހެވެ. ވޯކްވޭއިން ވަދެގެން އައި ހުޅުހިފީ ވައިޓަލް ސާވިސަސް ސެކްޝަނުގެ ބިތްގަނޑުގަ އެވެ. އެ ތަނުގެ ވަށައިގެން ސީލިންގާ ހަމައަށް ޖަހާފައި ހުންނަނީ އެކި ލިޔެކިޔުންތައް ހުންނަ ހަރު ތަކެކެވެ. އޭގެ ތެރޭގައި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ހިމެނެ އެވެ. އަލިފާނުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އެތަކެތި ހުރި ކޮޓަރިއަށެވެ. އެތަކެތި ރައްކާކޮށްފައިހުރި ބައެއް ހަރުތައް އެއްކޮށް އަނދާއަޅިއަށްވި އެވެ. ނަމަވެސް އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ވަނީ އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތްކޮށްފަ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓެއް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުން ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
އެ ޖަލްސާގައި އާޒިމް ވަނީ ވައިޓަލް ރަޖިސްޓްރޭޝަންގެ އޮފީހުގެ މަސައްކަތްތައް ކުރުމަށް ވަގުތީ ގޮތުން ތަނެއް ބޭނުންވާތީ އެކަން ފާހަގަކުރައްވައިފަ އެވެ. ރަޖިސްޓްރޭޝަން އޮފީސް ހިންގާނެ ތަނެއް ހަމަޖައްސައިދެއްވުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯއަށް ދެންނެވި ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެމަޖެންސީ ބަޖެޓު ބޭނުންކުރާނީ ފަރުނީޗަރާއި އެފަދަ އެހެނިހެން ތަކެތި ގަތުމަށާ އަދި އޮފީސް ސެޓަޕް ހެދުމަށް ކަމަށެވެ. އޭގެ އިތުރުން ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ހިންގަން ތަނެއް ކުއްޔަށް ނަގަން ޖެހިއްޖެ ނަމަ އެެކަމަށް ވެސް ބަޖެޓުގެ ތެރެއިން ހަރަދު ކުރާނެ ކަމަށެވެ.

22 Comments
ގުޅުންހުރި
ވެންޓިލޭޓަރު ވައްކަން: ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް
ވަޒީފާއެއް ނެތި 200 އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި: އަމީން
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
އެހެން ޕާސްޕޯޓެއްގައި އިޒްރޭލު މީހުނަށް އާދެވޭ ގޮތް ހެދުމަކީ ފަލަސްތީން ރައްޔިތުންނަށް
ޓިކްޓޮކް މެދުވެރިކޮށް ފައިސާ ލިބޭނެ އާ މަގުތައް ހޯދަން މަޝްވަރާކޮށްފި
މައިފޫނާގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ކުރަން ޕީޖީއަށް ފޮނުވައިފި
ވެންޓިލޭޓަރު ވައްކަން: ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް
ވަޒީފާއެއް ނެތި 200 އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި: އަމީން
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
އެހެން ޕާސްޕޯޓެއްގައި އިޒްރޭލު މީހުނަށް އާދެވޭ ގޮތް ހެދުމަކީ ފަލަސްތީން ރައްޔިތުންނަށް