މާތް ﷲ ގެ އަޅުތަކުންނަށް ﷲ ގެ ބިމުން ހިމާޔަތް ނުލިބޭ ގޮތަށް ހަދާފައި ހުންނަ ގާނޫނުތަކަކީ އިސްލާމް ދީނާ ހިލާފު އެއްޗެއް ކަމަށް ޝައިހް މުހައްމަދު ޝާފިއު ވިދާޅުވެއްޖެ އެވެ.
ޝައިހް ޝާފިއު އެގޮތަށް ވިދާޅުވީ، ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމު އާއިލާ ރާއްޖެއިން ފުރުވައިލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވެފައިވާތީ އެވެ.
ޝައިހް ޝާފިއުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިމަކީ މާތް ﷲ ގެ މިލްކެއް ކަމަށާއި އެއީ އިންސާނުންގެ އެއްޗެއް ނޫން ކަމަށެވެ. އަދި ﷲ އަށް އަޅުކަންކުރާ އަޅުތަކުންނަށް ﷲ ގެ ބިމުން ޖާގަދޭންޖެހޭނެ ކަމަށާއި އަހަރެމެން އަމިއްލައަށް ބޯޑަރު ކުރަހައިގެން ހިޖުރަކުރުމުގެ ދޮރު ބަންދުކުރިޔަސް ﷲ ގެ ހަޒުރަތުގައި އެ ބޯޑަރުތަކެއް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
”މުޅި އަހަރު ދުވަހު ހުތުބާގައި އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަހެކޭ ކިޔައި ނަސޭހަތްދީފައި، މުސްލިމުންތަކެއް ހާލުގައި ޖެހި އެހީއަށް އެދުނު ހިނދު އެކަން ބޮލާލައި ޖަހާ އެ މީހުން ފޮނުވާލުމަކީ އަޅުގަނޑުމެންގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.،“ ޝައިހް ޝާފިއު ވިދާޅުވި އެވެ.
ޝައިހް ވިދާޅުވީ އަނިޔާ ލިބޭ ހިންދޫންނަށް އިންޑިއާ އިން ރަށްވެހިކަން ދޭއިރު ޔަހޫދީންނަށް އިޒްރޭލުން ރަށްވެހިކަން ދޭ ކަމަށާއި އަދި ’ހައްގުތަކާ ހެދި އުޅޭ މީހުންނަށް‘ ހުޅަނގުން ރަށްވެހިކަންދޭ ކަމަށެވެ.
”އަނިޔާ ލިބި ހައްގުތައް ނިގުޅައިގަނެވޭ، އެ މީހުންގެ ދީނަށް އަމަލު ނުކުރެވޭ ހާލަތުގައި އެތައް މުސްލިމުންނެއް ދިރިއުޅެމުންދާއިރު، އެ މީހުންނަށް އެހީތެރިވާނޭ އެ މީހުންނަށް ރަށްވެހިކަން ދޭނޭ އެ މީހުން ހިޖުރަކުރާނޭ ފަސްގަނޑެއް ހަމަ ނެތީ ހެއްޔެވެ؟،“ ޝެއިހް ޝާފިއު ސުވާލު އުފެއްދެވި އެވެ.
ރާއްޖެ އިން ފުރުވާލަން ނިންމާފައިވަނީ ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާ އެކެވެ. އެގޮތުން ދެމަފިރިންނާއި އޭރު އެ މީހުންގެ ތިބި ތިން ކުދިންނާއެކު ރާއްޖެ އައީ މީގެ 12 އަހަރު ކުރިން ތިން މަސް ދުވަހުގެ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވި އިރުވެސް އެ މީހުންނަށް ރާއްޖެއިން ފުރޭ ގޮތެއް ނުވި އެވެ.
އެ އާއިލާއާ ގުޅޭ މައުލޫމާތު އެނގޭ ބައެއް މީހުންނާ ހަވާލާދީ ’މިހާރު‘ ނޫހުގައި ބުނެފައިވާ ގޮތުން، ފްރާންސްގެ އެ ދެމަފިރިން އިސްލާމްވުމަށް ފަހު، އެ ގައުމުގައި ދިރިއުޅެން އުނދަގޫވުމުން އެ މީހުން އެންމެ ފުރަތަމަ ދިޔައީ އިނގިރޭސި ވިލާތަށެވެ. އެއަށްފަހު ރާއްޖެ އައިސް ފުރަ
ތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. އެ މީހުން މިހާރު ދިރިއުޅެމުންދަނީ ތ. ވޭމަންޑޫގަ އެވެ. އެ ރަށަށް ބަދަލުވިތާވެސް ހަ އަހަރު ވެފައިވާއިރު އެ ދެމަފިރިންގެ އެންމެ ހަގަށް ތިބި ދެ ކުދިން ވިހެއީ ވެސް ވޭމަންޑޫގަ އެވެ.

ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި