ޑިސެމްބަރ 30, 2024

ވަގުތީ ގޮތުން މިނިސްޓްރީތައް ހިންގާނީ ތަނެއް ކުއްޔަށް ނުނަގައި: ރައީސް

ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރުމެންޓް މިނިސްޓްރީ ހިންގުމަށް އަމިއްލަ އިމާރާތެއް ކުއްޔަށް ނުހިފާނެ ކަމަށާއި އެތިން މިނިސްޓްރީ ވެސް ހިންގާނީ ސަރުކާރު އިމާރާތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރުމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އިމާރަތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެހެންވެ ތިން މިނިސްޓްރީ ހިންގުން ވަނީ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ރައީސް ވަނީ މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން އެ މިނިސްޓްރީތަކުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައި މުވައްޒަފުންނާ މުހާތަބު ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީ ހިންގަން ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މުވައްޒަފުންގެ އަމިއްލަ ތަކެތި ވެސް ގެއްލިފައި ވާތީ، އެ ގެއްލުންތަކުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް ތަސައްވަރުކުރަން އުނދަގޫ ކަމަށެވެ.ނަމަވެސް، މި ހާލަތުގައި ވެސް މުވައްޒަފުންގެ ފަރާތުން ފެނުނީ ”ޕޮސިޓިވް އެޓިޓިއުޑް“އަކާއި ކެތްތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ މަސައްކަތްތައް އަލުން ފެށުމަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ވަގުތީ ގޮތުން ހަމަޖައްސާފައިވާ އޮފީހުގައި ވެސް މުވައްޒަފުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުވައްޒަފުންނަށް ފާހާނާ އިތުރުކޮށްދިނުމާއި ކެފެޓީރިއާގެ ހިދުމަތް ދިނުމާއި އޮފީހަށް މަދުވާ އިލެކްޓްރޯނިކްސް އާއި ކޮމްޕިއުޓަރު ސިސްޓަމް ކަހަލަ ތަކެތި ހޯއްދަވައިދެއްވާނެ ކަމަށެވެ.