ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ބޭބެ، މުހައްމަދު ފަޒީލް ރަޝީދު، ބިންވެރިޔާ ސްކީމުން ގޯއްޗެއް ލިބުނު ކަމަށް ދައްކައިގެން އެ ގޯތީގެ ވަށާފާރު ރޭނުމަށްޓަކައި ވަގު ލިޔުމެއް އުފެއްދި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލަ ފެންމަތިވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ގޯއްޗެއް ލިބިފައިވާ ކަމަށް ބުނެ، އެ ގޯތީގެ ވަށާފާރު ރޭނުމަށް ފަޒީލް އާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކު ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެޗްޑީސީގެ މައި އިދާރާގައި މިރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، އޭނާގެ އަބުރު ކަތިލުމަށް އަދި ސިޔާސީ މަންފާއެއް ހޯދަން ނަމަވެސް ސޯޝަލް މީޑިއާގައި އޭނާއާއި އެޗްޑީސީއާ ގުޅޭ ގޮތުން ދައްކާ ކޮންމެ ވާހަކައަކަށް ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށެވެ.
”އަޅުގަނޑު މިއަދު މިތަނުގައި އިށީންދެލައިގެން މި އިންނަނީ ޖަވާބުދާރީ ވެވޭނެކަން ޔަގީން ކުރެވޭތީ. އެ ޔަގީންކަން އެބަ އޮތް. އަޅުގަނޑު ކޮށްފަ ނުހުންނާނެ ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް. އެ ޔަގީންކަން ތި ބޭފުޅުންނަށް، ރައްޔިތުންނަށް އަރުވަން،“ ފަޒުލް ވިދާޅުވި އެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ފަޒުލްގެ ބޭބެ ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުމެއްކަން ހައުސިން މިނިސްޓްރީން ޔަގީންކޮށްދޭ އިރުވެސް އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވޭތޯ އާއި ހުށަހަޅާފައިނުވާ ނަމަ އެއީ ކީއްވެތޯ އެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ފަޒުލް ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ނުވަނީ ’އިތުރު ޕްރޮސެސްތަކެއް ކުރިއަށް ގެންދަންޖެހޭތީ‘ ކަމަށާއި ’ރިޕޯޓް ކުރެވޭނީ ޖުމުލަ މައްސަލަ ބެލުމަށްފަހު‘ ކަމަށް ވިދާޅުވެ، ސީދާ ޖަވާބެއް ދެއްވަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.




4 Comments
ގުޅުންހުރި
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް
ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ