އުމުރާވެރިން ފުރާތީ ވީއައިއޭއަށް ބާރުބޮޑުވެއްޖެ، ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދިއްޖެ

އަހަރުގެ ފަހު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އުމްރާއަށްދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވެއްޖެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގިނަ އަދަދެއްގެ އުމްރާވެރިން މިއަދު ފުރަން ހަމަޖެހިފައިވާތީ އެއާޕޯޓް މަގުތަކާއި ޓާމިނަލްގެ ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން ފުރާ ފަރާތްތަކުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއާޕޯޓުގެ ސްޓާފުންގެ އިރުޝާދުތަކަށް އަމަލުކުރުމަށްވެސް އެދިފައިވެ އެވެ.

މިއަދުން ފެށިގެން މި އަހަރުގެ ދެވަނަ ޓާމުގެ މިޑް ބްރޭކް ފެށިފައިވާއިރު، މި ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ އެވެ. އަދި ހާއްސަކޮށް ސްކޫލް ބަންދެއް ލިބުމާއެކު ގިނަ އަދަދެއްގެ ބަޔަކު މި މަހުގެ އުމްރާއަށް ފުރާކަން ވަނީ ފާހަގަވެފަ އެވެ.