އެމްޑަބްލިޔުއެސްސީން ދޭ އެންމެ ހާއްސަ އެވޯޑް، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް އެ ކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އިންފޮމޭޝަން ސިސްޓަމްސް އާސިފް މުހައްމަދަށް ދީފި އެވެ.
ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑަބްލިޔުއެސްސީގެ މި އަހަރުގެ ސްޓާފް އެވޯޑް ނައިޓުގައި އޭނާއަށް އެ އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑް ހަފުލާގެ ޝަރަފުވެރި މެހެމާން އަދި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދެވެ.
ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް އަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ، އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތަކަށް ދޭ އެވޯޑެކެވެ.
ރޭގެ އެވޯޑް ނައިޓުގައި އެމްޑަބްލިޔުއެސްސީއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރި މުވައްޒަފުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.
އެގޮތުން މި އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފަކަށް އެވޯޑް ދީފައިވާއިރު، ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ 83 މުވައްޒަފަކަށް އަގުވަޒަންކުރުމުގެ އެވޯޑް ވަނީ ދީފަ އެވެ.
ރޭގެ ހަފުލާގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، އެ ހަފުލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއެކު މުވައްޒަފުން ކުންފުންޏަށް ކޮށްދޭ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ.
އަދި ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް މި އަހަރު ކޮށްފައިވާކަންވެސް މަތީން ފާހަގަކުރެއްވި އެވެ.
އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ