މީހަކު ރަހީނުކުރުމަށްފަހު އިނގިލި ބުރިކޮށްލި ހިޔާ ފްލެޓުން ރެއިޑުކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓު ކަމަށެވެ.
އެ އެޕާޓްމަންޓަކީ މީގެ ކުރިން މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައެއް ފެންމަތިވި ފުލެޓެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބާލައި، އިނގިލި ބުރިކުރަން އުޅެނިކޮށެވެ. ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި، އެ މައްސަލާގައި 12 މީހަކު ހައްޔަރު ވެސް ކުރި އެވެ.
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 40 އާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަން، 41 އާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒު، 33 އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލު، 32 އެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރި އިރު މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

4 Comments
ގުޅުންހުރި
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި
މެއިންޓަނެންސް މަސައްކަތަކަށް ހިޔާގެ 4 ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ކަރަންޓް
އިތުރު މީހެއް ކުޅުދުއްފުށި ޕޮލިސްގެ ބަންދުގައި ހުރެ މަރުވާން މަސައްކަތްކޮށްފި
މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމަކީ ކުޑަ ކުށަކަށްވާތީ މަންދީގެ ގަޔަށް ތެޔޮ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ