ޖެނުއަރީ 1, 2025

ޑްރަގްސްއާއެކު ހައްޔަރު ކުރުމުން ފުލުހުން ކައިރީގައި ބުނީ އެއީ ބައްޕަގެ އެއްޗެއް ކަމަށް

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރުމުން އެއީ އޭނާގެ ބައްޕަގެ ތަކެތި ކަމަށް ފުލުހުން ކައިރީގައި ބުނެފި އެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  މުހައްމަދު ރިޝްވާން ނައީމް، 23، އެވެ. ރިޝްވާން އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެހި ކަމަށް އޭނާ ބުނި ނަމަވެސް ބައްޕަ އެކަން ދޮގު ކުރެ އެވެ.

ރިޝްވާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން އެ ކޯޓުން އިއްޔެ ވަނީ އަމަރު ކޮށްފަ އެވެ.

”ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ތަހުލީލު ރިޕޯޓާއި، ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭ،“ ބަންދު އަމުރުގައި ބުންޏެވެ.

ރިޝްވާނުގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ބަންދު ކުރުމަށް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.