ޖެނުއަރީ 3, 2025

އެމްޑަބްލިޔުއެސްސީގެ އީ ޕޯޓަލް އަޕްގްރޭޑްކޮށްފި، ފެންބިލަށް އަރާވަރު ކޮންމެ ދުވަހަކު ބެލޭނެ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސް)ގެ އީ ޕޯޓަސް އަޕްގްރޭޑްކޮށް، ކޮންމެ ދުވަހަކު ފެން ބިލަށް އަރާވަރު ބެލޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތަޢާރަފު ކޮށްދެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އާއި މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ. އެރަސްމިއްޔާތުގައި ޑެޕިޔުޓީ މިނިސްޓާ ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ، އަޝްރަފް ނުއުމާން އާއި ޙަސަން ހަލީލު، އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއިއެކު ހިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށެވެ.

ވެމްކޯއިން ބުނީ އެ ކުންފުނީގެ އޮންލައިން ހިދުމަތްތަކަށް ގެނައި ބަދަލުތަކުގެ ތެރެއިގައި ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީ-ފާސް ނިޒާމު ބޭނުންކޮށްގެން އެމްޑަބްލިޔުއެސްސީގެ ހިދުމަތަތައް އެދި ހުށައެޅުމާއި، އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށައެޅުމާއި، ހުށައަޅާ އެޕްލިކޭޝަންތަކުގެ ކުރިޔަށްދާ އެކި މަރުޙަލާތައް ފަސޭހަކަމާއެކު ބަލާލެވެން ހުންނާނެ ކަމަށެވެ. އަދި އެޕްލިކޭޝަންތަކުގެ މަރުހަލާތައް ބަދަލުވަމުންދާ ސްޓޭޓަސް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވަމުންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން އޮންލައިން ހިދުމަތް ބޭނުން ހިފައިގެން ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލައިލެވެން ހުރުމުގެ އިތުރުން އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކައި، އަދި އެކި އެކައުންޓުތަކުގެ ބިލުތަކަށް އެއްފަހާރާ ފައިސާދެއްކޭނެ އިންތިޒާމު ހުންނާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން އޮޕެރޭޓް ކުރަމުންދާ ރަށްރަށުގެ ފެން މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ސްމާޓް މީޓަރު ހަރުކުރެވިފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގްވެސް އަދި ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި، ބިލްތަކުގެ ތަޕްސީލުތައް ވެސް އީ ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.