ރައީސް މުއިއްޒު ބައްލަވަނީ ކޮރަޕްޝަން ހިންގި މީހާއަކަށް ނޫން، އެ ކުރި ކަމަކަށް: އަބްދުއްރަހީމް

ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަނީ މީހާ އަށް ނޫން ކަމަށާއި އެ މީހަކު ކުރި ކަމަކަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ހާލަތު މި ހިސާބަށް ދިޔައީ ކޮރަޕްޝަން ހިންގި މީހާ އަށް ބަލައިގެން ސަރުކާރުތަކުން ފިޔަވަޅު އެޅުމުގެ ސަބަބުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށެވެ.

”ކަން ކުރި މީހާއަކަށް ނޫން ބަލަންވީ، ކުރި ކަމަށް ބަލަންވީ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާ ގޮތެއް މިއީ ކަން ކުރި މީހާ އަށް ބަލައިގެން ކަންކަން ބަލަން އުޅުން. އެހެން އުޅެން ހަދައިގެން އަޅުގަނޑު މި ދެންނެވި ގޮތަށް އެ ފައިސާތައް ނުހޯދި މިހާ ގިނަ ދުވަސްވީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

”ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އެކަން ކުރީ ކާކުތޯ ބެލުމެއް ނޫން. އެ ކުރީ ކޮން ކަމެއްތޯ؟ އެކަން ކުރީ ހަމައިންތޯ ނަހަމައިންތޯ ގާނޫނާ އެއްގޮތަށްތޯ ގާނޫނާ ހިލާފަށްތޯ މާލިއްޔަތު ގާނޫނުން އެކަން ކުރަން ތަންދޭތޯ އޭގައި ދައުލަތަށް ގެއްލުން ވަނީ ކިހާވަރެއްތޯ އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ“

އޭނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި މީހާއަށް ނުބަލައި ފިޔަވަޅު އަޅާނެކަން ރައީސް ގެންދަވަނީ ދައްކަވަމުން ކަމަށެވެ. އެކަމުގެ މައްސަލައަކީ އެޗްޑީސީގެ ތެރެއިގައި ހިނގައިގެން އުޅޭ މައްސަލަތަކުގެ ތެރެއިގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދަށް ފިޔަވަޅު އެޅުއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަޒުލްއަކީ މިނިސްޓަރު ފެންވަރުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެއް ކަމަށާއި ނަމަވެސް ރައީސް ވަނީ ޖެހިލުމެއްނެތި އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މީހަކު ކުރި ކުށަކާ ގުޅިގެން އެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަން ފެށުމުން މި ސަރުކާރުން ނުކުމެ އެކަމެއް ނުހުއްޓުވާނެ ކަމަށެވެ.