އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެހީގައި ރާއްޖޭގެ ވެރިކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައްޓާލަން އުޅުނު ކަމަށް ބުނެ ވޮޝިންޓަންޕޯސްޓުން ޝާއިއުކުރި ރިޕޯޓު އިންޑިއާއިން ދޮގުކޮށްފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ވޮޝިންގްޓަން ޕޯސްޓާއި އެ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅެނީ ޒާތީ ހަސަދަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
”އެ ނޫހާއި މި ޚަބަރުތައް ލިޔާ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅޭ ހަސަދަވެރިކަމާއި ނަފްރަތު ފެނިގެންދޭ. އެ މީހުން މި ކަންކަން ކުރާ ގޮތުން އެކަމުގެ ހާއްސަ ތަރުތީބެއް ފެންނާނެ،“ ރާއްޖޭގެ އިތުރުން ޕާކިސްތާނުގައި ރޯ އިން ރާވައިގެން ޕާކިސްތާނުގެ އިސް އޮފިޝަލުންތަކެއް މަރަމުންދާ ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ރިޕޯޓަށް ވެސް އިޝާރާތް ކުރައްވައި ޖައިސްވާލް ވިދާޅުވި އެވެ.
”އެހެންވީމާ، އެ މީހުންގެ އެ މީހުން ދައްކާ ވާހަކަތަކަށް އިތުބާރު ކުރުން އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ދޫކޮށްލަނީ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެ މީހުން ދައްކާ ވާހަކައިގެ އެއްވެސް އިތުބާރެއް ނެތް.“
މިއީ ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއެދު ރައީސް މުއިއްޒު ވެރިކަމުން ބޭލުމުގެ މަޝްވަރާކޮށްފައިވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން އެންމެ ގޯސްވި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.
އެ މަޝްވަރާގެ ތެރެއިން ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ނިންމި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެ އެވެ.
މެންބަރުންގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަަށް ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންވެސް ރޯއިން ވަނީ އެމްޑީޕީއާ މަޝްވަރާކޮށްފައި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެ އެވެ. ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ނިންމި ކަމަށް ބުނެފައިވެ އެވެ.
ރައީސްގެ ވެރިކަން ވައްޓާލުމުގެ އެކަންކަން ރޯއަށް ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެކަމަށް ބޭނުންވާ 92.5 މިލިއަން ރުފިޔާ ހޯދަން ވެސް ނިންމައިފައިވަނީ އިންޑިއާއިން ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.
ނަމަވެސް، ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ، ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެމްބަރުން ނުލިބުމުން ކަމަށް ބުނެފައިވެ އެވެ.
އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ. ތޮރާތަކީ، ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.
ވޮޝިންގްޓަންޕޯސްޓުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާ ކޮށްފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް ހޯދި ގޮތެއް އެ މީހާ ހާމަކޮށްފައި ނުވާ ކަމަށް އެ ނޫހުން ބުންޏެވެ.
ގުޅުންހުރި
އިންޑިއާގެ އާ ސަފީރުގެ މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވައިފި
ގައްސާން މި ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ
ރާއްޖޭގައި އިތުރު މަޝްރޫއުތަކެއް ހިންގުމަށް އިންޑިއާއެކު ސޮއިކޮށްފި
އިންޑިއާއިން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޮތްވަައި ހަލީލު އިންޑިއާއަށް!
އިންޑިއާއިން ރާއްޖޭގެ ވެރިކަމާ ކުޅޭނެ ކަމަށް ގަބޫލެއް ނުކުރެވޭ: ނަޝީދު
ރައީސްގެ އަރިހަށް އިންޑިއާ ސަފީރު ވަދާއީ ޒިޔާރަތް ކުރައްވައިފި