ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ވެހިކަލްތަކަށް ބަދަލު ދޭން ހަމަޖެހިފައި ނެތް: އެންޑީއެމްއޭ

އިއްޔެ މާލެއަށްކުރި ބޯ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ސައިކަލްތަކަށް ބަދަލު ދިނުމަށް ހަމަޖެހިފައި ނެތް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނެފި އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އިއްޔެ ބައެއް ސައިކަލްތަކަށާއި ކާރުތަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ.

އެކަމާ ގުޅިގެން އެންޑީއެމްއޭއިން މިއަދު ބުނީ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެނީ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ އެއްޗެއްސަށް ގެއްލުން ލިބުމުން ކަމަށެވެ. ދެން ފޯރުކޮށްދޭ އެހީއަކީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ދޭ މާލީ އެހީ ކަމަށެވެ.

އިތުރަށް އެންޑީއެމްއޭއިން ބުނީ ގޭތެރޭ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުން ވަޒަންކުރުމަށްފަހު ބަދަލު ދޭނެ ކަމަށާއި ނަމަވެސް، ސައިކަލު ފަދަ ވެހިކަލްތަކައް އެންޑީއެމްއޭ އިން ބަދަލު ނުދޭ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށެވެ.

ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.